ދުނިޔެ

ޗައިނާއާ ދެކޮޅު މަޝްވަރާތަކަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އިންޑިޔާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބެނީޒް ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ. އޭނާގެ މި ދަތުރުފުޅުގައި މޯދީއާ އެކު ކުރައްވާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ޗައިނާއިން ބާރާއި ނުފޫޒު އިތުރު ކުރުމަށް ހިންގަމުންދާ ހަރަކާތްތަކަށް ރައްދުދިނުމުގެ ގޮތުން އޮސްޓްރޭލިޔާއާއި އިންޑިޔާއިން ގުޅިގެން މަސައްކަތްކުރުމަށް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިޔާއާއި އިންޑިޔާއަކީ، އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގައި ޗައިނާއިން ނުފޫޒު އިތުރުކުރަން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން މަސައްކަތްކުރާ "ކުއޮޑް އެލަޔަންސް"ގައި ހިމެނޭ ދެ ޤައުމެވެ. އެ ގުޅުމުގައި ހިމެނޭ އަނެއް ދެ ޤައުމަކީ އެމެރިކާއާއި ޖަޕާނެވެ. އެލްބެނީޒްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިކުރުމަށް ވެސް މަޝްވަރާ ކުރައްވާނެއެވެ.

އިންޑިޔާއަށް ފަހު އެލްބެނީޒް އެމެރިކާއަށް ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވައި، އެމެރިކާގައި އުފައްދާ ސަބްމެރިންތަކެއް ގަތުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. މިއީ ވެސް، ޗައިނާގެ އަސްކަރީ ބާރުވެރިކަމާ ދެކޮޅަށް ކުއޮޑް އެލަޔަންސުން ކުރަމުންދާ މަސައްކަތުގައި ދަށުން ހަދާ އެއްބަސްވުމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެލްބެނީޒް އިންޑިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، އޭނާ އެ ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ އިންޑިޔާއަށް ވަޑައިގަންނަވާފައި މި ވަނީ، ސަރަޙައްދީ ރޮނގުގެ މައްސަލައިގައި އިންޑިޔާއާއި ޗައިނާއާ ދެމެދު އަރައިރުންވަމުންދާ ދަނޑިވަޅެއްގައެވެ. 2020 ވަނަ އަހަރަށް ފަހު ސަރަޙައްދީ ރޮނގު މައްސަލައިގައި އިންޑިޔާއާއި ޗައިނާއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިންޑިޔާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.

އިންޑިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެލްބެނީޒް އިންޑިޔާގެ އަސްކަރިއްޔާއިން އުފައްދާފައިވާ އެ ޤައުމުގެ ފުރަތަމަ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު – އައި.އެން.އެސް. ވިކްރަންތަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި، މޯދީއާ އެކު ދެ ޤައުމުގެ ކްރިކެޓު ޓީމުތަކުގެ މެދުގައި ބާއްވާ ޚާއްޞަ ކްރިކެޓު މެޗެއް ވެސް ދެ ބޭފުޅުން ވަނީ ބައްލަވައިލައްވާފައެވެ. އިންޑިޔާއަކީ އޮސްޓްރޭލިޔާގެ ހަވަނައަށް އެންމެ ބޮޑު ވިޔަފާރި ޕާޓްނަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!