ޗައިނާއިން ހަކުރު ވިއްކާ މިންވަރު ދަށްވެދާނެ
ޗައިނާގައި އެންމެ ގިނައިން ހަކުރު އުފައްދާ ސަރަހައްދުތަކުގައި ހަކުރު އުފައްދާ މިންވަރު މި އަހަރު ދަށްވެދާނެކަމަށް އޮސްޓްރޭލިއާގެ މާކެޓް ދިރާސާކުރާ ކުންފުނި، ގްރީން ޕޫލް ކޮމޮޑިޓީސްއިން ބުރާސްފަތި ދުވަހު ބުނެފިއެވެ.
މިއީ ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ އެއް ގައުމު ކަމަށްވާ، ޗައިނާގައި ހަކުރު އުފައްދާ މިންވަރު ދަށްވާނެ ފުރަތަމަ ފަހަރެވެ.
ގްރީން ޕޫލުން ލަފާކުރާ ގޮތުގައި 2022 އިން 2023 ގެ ނިޔަލަށް މި ހިނގާ މާލީ އަހަރު ޗައިނާގެ ހުޅަނގު ދެކުނު ގުއަންޒީ ސަރަހައްދުގެ އުފެއްދުންތެރިކަން 5.4 މިލިއަން ޓަނަށް ދަށްވާނެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %12 ގެ ދަށްވުމެކެވެ. އަދި 2016 އިން 2017ގެ ނިޔަލަށް އޮތް މާލީ އަހަރު އުފެއްދި 5.3 މިލިއަން ޓަނަށްފަހު ހަކުރު އުފައްދާ މިންވަރު އެންމެ ދަށްވާނެ ފަހަރެވެ.
މުޅި ގައުމުގެ އުފެއްދުންތެރިކަމަށް ބަލާއިރު، ހަކުރު އުފައްދާ މިންވަރު 9.17 މިލިއަން ޓަނަށް ދަށްވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މިއީ މިދިޔަމަހު ލަފާކުރި 9.52 މިލިއަން ޓަނަށްވުރެ ދަށް އަދަދެކެވެ.
ޗައިނާގެ ދަނޑުވެރިކަމާއިބެހޭ ވުޒާރާއިންވެސް އެ ގައުމުގައި ހަކުރު އުފައްދާނެކަމަށް ލަފާކުރި މިންވަރު %7.2އަށް މި ހަފްތާގައި ދަށްކޮށްފައެވެ.
ހަކުރު އުފައްދާނެކަމަށް ލަފާކުރާ މިންވަރު ދަށްކޮށްފައި މިވަނީ ހަކުރު އުފައްދާ ބޮޑެތި އެހެން ގައުމުތައް ކަމަށްވާ، ތައިލެންޑާއި އިންޑިއާގެ އުފެއްދުންތެރިކަން ދަށްވާނެ ކަމަށް ލަފާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިގައުމުތަކުގެ އުފެއްދުންތެރިކަން ދަށްވާނެކަމަށް ހާމަކުރުމާއިއެކު، ހަކުރު އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ.
އިންޑިއާއަށްފަހު ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ހަކުރު ބޭނުންކުރާ ގައުމަކީ ޗައިނާއެވެ. އެ ގޮތުން ޗައިނާއަށް އަހަރަކު ގާތްގަޑަކަށް 15 މިލިއަން ޓަނުގެ ހަކުރު ބޭނުންވެއެވެ. ނަމަވެސް ހަކުރުގެ އަގު މުޅި ދުނިޔޭގައިވެސް އުފުލެމުންދާތީ، މިވަގުތު އިމްޕޯޓަށް އޮތް ޑިމާންޑް ދަށްވަމުންދާކަމަށްވެސް ބައެއް ވިޔަފާރިވެރިން ބުނެއެވެ.