އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ބަޔަކާ ހަވާލުކޮށްފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ހަވާލު ކުރައްވައިފައި ވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވައިލި ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ލިބުނު ފަރާތް ކަމަށްވާ އެންކްރިއާ ޕްރައިވެޓް ލިމިޓެޑާއެވެ.
އެންކުރިއާ ކުންފުންޏަކީ 2019 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. ދިވެހި ޒުވާނުންތަކަކަށް ނިސްބަތްވާ އެ ކުންފުނީގައި ތަޖުރިބާކާރު ޑިޒައިނަރުންނާއި ޑިވެލޮޕަރުން ހިމެނެއެވެ.
އެންމެ ފަހުން އޮތް ސާފް ޗެންޕިއަންޝިޕްގެ ބްރޭޑިން ތައްޔާރު ކުރީވެސް "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިންނެވެ. އެއީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލުވި ބްރޭޑިންއަކަށް ވިއެވެ.
ޑީއެންއާރުން ވިދާޅުވީ، އެ ޑިޕާޓްމެންޓުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ނިންމައިފައިވާ ކަމަށެވެ.
އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑީ ކާޑެއް ހެދުމުގެ މަސައްކަތަކީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމި ނިންމުގެ ދަށުން ކުރާ މަސައްކަތެކެވެ. ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެއެވެ.