ދުނިޔެ

އަފްޣާނިސްތާނުގައި ދިން ބޮމުގެ ޙަމަލާއެއްގައި ނޫސްވެރިންތަކެއް ޒަޚަމުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ އުތުރުގައިވާ މަޒާރުއްޝަރީފްގައި ދިން ނުރައްކާތެރި ބޮމުގެ ހަމަލާއެއްގައި އެކަކު މަރުވެ، ނޫސްވެރިންތަކެއް ޒަޚަމުވެއްޖެއެވެ. މަޒާރުއްޝަރީފްގައި ނޫސްވެރިންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފުލާއަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ކުޑަކުދިންތަކެއް ވެސް ޒަޚަމުވިއެވެ. މި ހަމަލާގައި މަރުވެފައި ވަނީ އެ ހަފުލާގައި ސަލާމަތީ ކަންކަން ބަލެހެއްޓުމުގައި ހަރަކާތްތެރިވަންދިޔަ ގާޑެކެވެ.

Ads by WAMCO

މި ހަމަލާދީފައި މި ވަނީ، އެ ޤައުމުގެ އުތުރުގައިވާ ބަލްޚު ޕުރޮވިންސުގެ ތާލިބާނުންގެ އެންމެ އިސް އޮފިޝަލް ކަމުގައިވާ މުޙައްމަދު ދާވޫދު މުޒައްމިލް މަރައިލިތާ ދެ ދުވަސް ފަހުންނެވެ. އޭނާ މަރައިލާފައި ވަނީ ބޮމުގެ ހަމަލާއެއްގައެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައެވެ. މިއީ، 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތްފަހުން މަރައިލާފައިވާ ތާލިބާނުންގެ އެންމެ އިސްވެރިޔާއެވެ.

މަޒާރުއްޝަރީފްގައި ދިން ހަމަލާގައި ފަސް ނޫސްވެރިން ޒަޚަމުވި ކަމުގައި ފުލުހުން ބުނެއެވެ. ބައެއް ނޫސްވެރިންގެ ހާލު ސީރިޔަސް ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ. ޒަޚަމުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. ތާލިބާނުން އަފްޣާނިސްތާޏުގެ ވެރިކަން ފޭރިގަތްފަހުން، އެ ޤައުމުގައި ނޫސްވެރިންނަށް އަމާޒުކޮށްދޭ މި ފަދަ ހަމަލާތައް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ.

ތާލިބާނުންގެ ވެރިކަން ފެށި ފަހުން، އަފްޣާނިސްތާނުގައި ދޭ ހަމަލާތަކުގެ ޢަދަދު ޢާންމު ގޮތެއްގައި މަދުވެފައިވީ ނަމަވެސް، އައި.އެސް. ޖަމާޢަތުން ހިންގާ ހަރަކާތްތައް ވަނީ އިތުރުކޮށްފައެވެ. އަފްޣާނިސްތާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތާލިބާނުންނަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އައި.އެސް. ޖަމާޢަތެވެ. އެ ޖަމާޢަތުން ދަނީ، އެ ޤައުމުގެ ރައްޔިތުންގެ އިތުރުން، ބޭރު ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށް ވެސް ހަމަލާތައް ދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!