މި ސަމިޓް ބެއިޖިންގައި ބޭއްވުމަށް ހުޅަހެޅުއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އެވެ. އެއީ މިދިޔަ ޑިސެމްބަރުގައި އެ މަނިކުފާން ސައޫދީގެ ވެރިރަށް ރިޔާޒަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.
އަދި ވަކި ތާރީޚެއް ކަނޑައަޅައި ރަސްމީކޮށްފައި ނެތް ނަމަވެސް، މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައުމުތައް ބައިވެރިވާ ސަމިޓެއް ބެއިޖިންގައި ބާއްވާނެ ކަމަށް ބުނެ ވޯލް ސްޓްރީޓް ޖާނަލުން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ސަމިޓްގައި އީރާން ހިމަނަން ކުރިން މަޝްވަރާކުރި ނަމަވެސް ވައިގައި ނުހިފާފައި އޮތީ ގަލްފް ގައުމުތަކާ އެކު އީރާންގެ ގުޅުން ރަނގަޅު ނުވުމުގެ ސަބަބުންނެވެ.
ސައޫދީ އާއި އިރާން ސުލްހަކުރުވައި އެއްގަލަކަށް އެރުވުމަށް ފަހު މި ސަމިޓްގެ ވާހަކަ މީޑިއާއަށް ތިލަކުރުމުން ދޭހަވަނީ ޗައިނާ މެދުވެރިވެގެން ކުރަން ހުރި މަޝްވަރާތައް އަދިވެސް ނިމުމަކަށް ނާންނަ ކަމެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ސައޫދީ އާއި އީރާންގެ އޮފިޝަލުން ކުރި މަޝްވަރާތައް ކޮޅެއްގައި ޖެއްސުމަކީ ޗައިނާއަށް ވެސް ލިބިފައި އޮތް ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ދުނިޔޭގެ ސިޔާސަތު ޗައިނާއަށް ބުރަވާކަމުގެ ހެއްކެކެވެ.
ސައޫދީ-އީރާން ބައްދަލުވުން ކުރިއަށް ދިޔައިރު އިނގިރޭސި ބަސް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭގެ ބަދަލުގައި މަޝްވަރާ މޭޒަށް އެރުވި ކަރުދާސްތައް ވެސް ހުރީ އަރަބި ބަހާއި، ފާރިސީ އަދި މެންޑަރިން ބަހުންނެވެ.
ސައޫދީ އާއި އީރާން މަޝްވަރާތަކަށް ފަހު އެމްބަސީ ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި އެމްބަސީތައް ހުޅުވައި ސަފީރުން އައްޔަންކުރަން ޖެހެ އެވެ.
މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނެރުމަކީ އެމްބަސީ ހުޅުވުމަށް ފަހު އެޖެންޑާގައި ދެވަނައަށް އޮތް އައިޓަމެވެ.
މިކަމަށްޓަކައި ދެގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވާ ގޮތަށް އޮތީ ނިންމާފަ އެވެ.