އޮމާންގެ ކަނޑުގައި، ޗައިނާ، އީރާން އަދި ރަޝިއާގެ އަސްކަރީ ފަރިތަކުރުންތަކެއް
ޗައިނާ އާއި އީރާން އަދި ރަޝިއާ ގުޅިގެން އޮމާން ކަނޑުގައި އަސްކަރީ ފަރިތަކުރުންތަކެއް -- ސެކިޔުރިޓީ ބެލްޓް 2023 ގެ ނަމުގައި ބާއްވަނީ އެވެ.
މިއީ ޗައިނާ ކަނޑަށް ވާ ގޮތަށް އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ބައެއް ފަހަރު ޖަޕާން ބައިވެރިވެގެން ބާއްވާ އަސްކަރީ ފަރިތަކުރުންތަކަށް ދެވޭ ޖަވާބަކަށް ވާނެ ކަމަށް އޮފިޝަލުން ދެކެ އެވެ.
ސެކިޔުރިޓީ ބެލްޓް 2023 އަކީ ސިލްސިލާކޮށް މި ތިން ގައުމު އެކުވެގެން ބާއްވަމުން ގެންދާ އަސްކަރީ ފަރިތަކުރުންތަކެކެވެ. މި ދުވަސްވަރާ ދިމާކޮށް އަސްކަރީ ފަރިތަކުރުންތަކެއް އޮމާން ކަނޑުގައި ބޭއްވުމުގެ ބޭނުމަކީ އެމެރިކާ އާއި އެމެރިކާ ޖަހާހާ ބެރަކަށް ނަށަން ތިބި ޔޫރަޕްގެ ގައުމުތައް ތެޅުވުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.
އީރާނާއި ޗައިނާ އަދި ރަޝިއާ އަކީ ވެސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ދަތިކޮށް ފިއްތުން ކުރިމަތިކޮށްފައި އޮތް ތިން ގައުމެވެ. މި ތިން ގައުމު އެކުގައި ވަރަށް މުރާލިކަމާ އެކު ދުނިޔޭގެ ސިޔާސަތު ބަދަލުކުރަން މިހާރު ކުރަންމުން ގެންދާ މަސައްކަތްތައް ވެފައި ވަނީ ހުޅަނގަށް ބޮލުގެ ރިހުމަކަށެވެ.
މި ފަރިތަކުރުންތަކުގައި ޗައިނާގައި އުފައްދާ ޒަމާނީ ހަތިޔާރު -- ގައިޑެޑް މިސައިލާއި، މިސައިލަށް ހަމަލާދޭ އުޅަނދުތައް ބޭނުންކުރާނެ އެވެ. އެހެން ނަމަވެސް، އެއްވެސް ބަޔަކަށް ނުރައްކާވާ އެއްވެސް ހަރަކާތެއް ނުހިންގާނެ އެވެ.
ޗައިނާ އާއި ރަޝިއާ އަދި އީރާންގެ ސިފައިން އެކުވެ އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ އަނެއް ބޭނުމަކީ -- އޮފިޝަލުން ވިދާޅުވާ ގޮތުގައި -- ހާލަތު ބަދަލުވާ ގޮތަކުން އެކުލަވާލެވޭ ސިފައިންގެ ބާރަކުން ދުޝްމަނުންނާ ކުރިމަތިލުމެވެ.
އަދި ކަނޑާއި ވައިގެ މަގުން ގައުމުތައް ރައްކާތެރިކުރުމުގައި އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލައި އެހީތެރިވުމެވެ.
މި ފަރިތަކުރުން ތަކުގައި ކަނޑުގެ ސިފައިން ބޭނުންކުރާ ވައިގެ އުޅަނދު ވެސް ބޭނުންކުރާނެ އެވެ. އަދި އޮމާން ކަނޑު ސާވޭކޮށް މުޅި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރާނެ އެވެ.