ރަޝިޔާއިން ޗައިނާއާއި އީރާނާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފި
ރަޝިޔާއިން ޗައިނާއާއި އީރާން ގުޅިގެން ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ. ޢަރަބި ކަނޑުގައި ކުރިއަށް ގެންދާ މި އަސްކަރީ ތަމްރީނުތަކުގެ ބޭނުމަކީ، ތިން ޤައުމުގެ އަސްކަރިއްޔާގެ ތައްޔާރީ ހާލަތު އިތުރުކުރުމެވެ. އަދި، ތިން ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ.
"މެރިން ސެކިޔުރިޓީ ބެލްޓް 2023"ގެ ނަން ދީފައިވާ މި އަސްކަރީ ތަމްރީނުތައް ކުރިއަށް ދަނީ އީރާނުގެ ބަނދަރުމަތީ ރަށް ޗަބާހަރުގެ އައްސޭރިފަށުގެ ސަރަޙައްދުގައެވެ. މި ތަމްރީނުތަކުގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކުގެ ތެރެއިން ފްރިގޭޓްއަކާއި ޓޭންކަރެއް ބައިވެރިވަމުންދާ ކަމުގައި އެ ޤައުމުން ބުނެއެވެ.
ރަޝިޔާއިން އިސްވެ ފަށާފައިވާ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ހިތްހަމަނުޖެހޭނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. މި ތަމްރީނުތައް ފަށާފައި މި ވަނީ، ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ މަތިން ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓައިލި ހާދިސާއާ ގުޅިގެން ރަޝިޔާއާއި އެމެރިކާއާ ދެމެދު މިހާރު ވެސް ހީނަރުވެފައި އޮތް ގުޅުންތައް އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްގޭ ޝޮއިގޫ ވަނީ، އެމެރިކާގެ ޑްރޯން ވައްޓައިލުމުގައި ހަރަކާތްތެރިވި އެ ޤައުމުގެ ވައިގެ ސިފައިންގެ ޕައިލެޓުންނަށް މެޑަލް އަރުވާފައެވެ. އެމެރިކާގެ "ރީޕަރ"ގެ ނަމުން މަޝްހޫރު "އެމް.ކިޔު-9" މަރުކާގެ ޑްރޯން ވައްޓައިލުމުގައި ރަޝިޔާގެ ވައިގެ ސިފައިންގެ "އެސް.ޔޫ-27" މަރުކާގެ ދެ މަތިންދާބޯޓު ބައިވެރިވިއެވެ.
ރަޝިޔާއިން ބުނީ، އެމެރިކާގެ ޑްރޯން ރަޝިޔާގެ ވައިގެ ސަރަޙައްދާ ވަރަށް ގާތުން ދަތުރުކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ޑްރޯން ވެއްޓުނީ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދިނުމުން ކަމަށް އެމެރިކާއިން ކުރާ ތުހުމަތު ރަޝިޔާއިން ދޮގު ކުރެއެވެ. ރަޝިޔާއިން ބުނީ، ޑްރޯން "އިންޓަރސެޕްޓް" ކުރި ނަމަވެސް، އެ އުޅަނދަށް ހަމަލާދީފައި ނުވާނެ ކަމުގައެވެ.
ނަމަވެސް، އެމެރިކާއިން ވަނީ ޑްރޯންގެ ކެމެރާއިން ނަގާފައިވާ ވީޑިޔޯތައް ޢާންމުކޮށްފައެވެ. ވީޑިޔޯއިން ފެންނަނީ، ރަޝިޔާގެ އަސްކަރީ އުޅަނދު ޑްރޯންއާ ވަރަށް ގާތުން ދަތުރުކުރުމަށްފަހު، ޑްރޯންގެ މައްޗަށް އަރައި، "ފިޔުލް ޑަމްޕް" ނުވަތަ ތެޔޮ ބޭރަށް ދޫކޮށްލާ މަންޒަރެވެ. ރަޝިޔާގެ އުޅަނދުތައް ދެ ފަހަރެއްގެ މަތިން ޑްރޯންގެ މަތިން ތެޔޮ ސްޕްރޭ ކުރެއެވެ.
ދެވަނަ ބުރުގައި، ޑްރޯންގެ ފަހަތުގައި އިންނަ ބުރަފައްޗަށް ގެއްލުންވާ ކަމުގައި އެމެރިކާއިން ބުނެއެވެ. އަދި، ބުރަފަތީގެ އެއް ފިޔަ ބަނޑިވެފައިވާ މަންޒަރު ވީޑިޔޯއިން ފެނެއެވެ. ބުރަފައްޗަށް ގެއްލުންވެފައި ވަނީ ރަޝިޔާގެ މަތިންދާބޯޓުން ޑްރޯންގައި ޖެއްސުމުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. މިއީ، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން، އެމެރިކާއާއި ރަޝިޔާގެ އަސްކަރިއްޔާއާ ދެމެދު ހިނގާފައިވާ މި ފަދަ ފުރަތަމަ ކުރިމަތިލުމެވެ.