ދުނިޔެ

ޖަޕާނުގެ ބޮޑު ވަޒީރު އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
NEW DELHI, INDIA - MARCH 19: Prime Minister Narendra Modi with Japanese Prime Minister Fumio Kishida, at Hyderabad House, on March 19, 2022 in New Delhi, India. PM Modi and his Japanese counterpart Fumio Kishida held talks on several key issues ranging from Ukraine conflict, the situation in Indo-Pacific and measures to strengthen the economic ties between India and Japan. (Photo by Sonu Mehta/Hindustan Times/Sipa USA )No Use Germany.

ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ އިންޑިޔާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ. ކިޝިޑާ ނިއު ދިއްލީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ކުރައްވާ މަޝްވަރާތަކުގެ އެޖެންޑާގައި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން ޗައިނާގެ ބާރާއި ނުފޫޒު ގަދަކުރަން ކުރަމުންދާ މަސައްކަތްތަކާ މެދު ދެ ޤައުމުގައި އޮތް ކަންބޮޑުވުންތަކާ ގުޅޭ މަޝްވަރާތައް ހިމެނޭނެ ކަމަށް ބެލެވެއެވެ.

Ads by Sosun Fihaara

އިންޑިޔާއާއި ޖަޕާނަކީ "ކުއޮޑް އެލަޔަނަސް"ގެ ނަންދީފައިވާ ގުޅުމުގެ ދެ ބައިވެރިންނެވެ. މި ގުޅުގައި ދެން ހިމެނޭ ޤައުމުތަކަކީ އެމެރިކާއާއި އޮސްޓްރޭލިޔާއެވެ. މި ގުޅުމުގެ މައިގަނޑު ބޭނުމަކީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގައި ބާރާއި ގަދަކުރަން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކާ ކުރިމަތިލުމެވެ. އަދި، އެ ކަމަށް ރައްދުދިނުމުގެ ގޮތުން ހަތަރު ޤައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރުމެވެ.

ކިޝިޑާ އިންޑިޔާއަށް ވަޑައިގަންނަވާފައި މި ވަނީ، އިންޑިޔާއާއި ޗައިނާއާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. 2020 ވަނަ އަހަރު ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި ހިނގި ކުރިމަތިލުންތަކެއްގައި އިންޑިޔާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ. ކިޝިޑާ އިންޑިޔާއަށް ޒިޔާރަތްކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބެނީޒް ވެސް ވަނީ އިންޑިޔާއަށް ވަޑައިގަންނަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުން މޯދީއާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުންތައް ބާއްވާފައި މި ވަނީ، ކުއޮޑް އެލަޔަންސްގެ ޤައުމުތަކުގެ ސަމިޓެއް ބޭއްވުމަށް އެލްބެނީޒް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުން އޮންނާނީ މޭ މަހުގެ ތެރޭގައި އޮސްޓްރޭލިޔާގައެވެ. ކުއޮޑް އެލަޔަންސަކީ އަސްކަރީ ގުޅުމެއް ނޫން ކަމަށް އެ ގުޅުމުގެ ބައިވެރިން ބުނެއެވެ. ނަމަވެސް، ޗައިނާއިން ޤަބޫލުކުރާ ގޮތުގައި، ކުއޮޑް އެލަޔަންސަކީ ޗައިނާއާ އަސްކަރީ ގޮތުން ޖައްސައިލުމުގެ ގޮތުން އުފައްދާފައިވާ ގުޅުމެކެވެ.

ކިޝިޑާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ހަކަތައިގެ ދާއިރާއާއި، ޑިޖިޓަލް ވިޔަފާރިއާއި، ޢުމްރާނީ ތަރައްޤީއާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި، މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7ގެ މެންބަރު ޤައުމުތަކުގެ ސަމިޓަށް މޯދީއަށް ރަސްމީކޮށް ދަޢުވަތު އަރުވާނެއެވެ. ޖީ7ގެ ރިޔާސަތު ބަލަހައްޓަމުން ދަނީ ޖަޕާނުންނެވެ. އަދި، ޖީ20ގެ ޤައުމުތަކުގެ ގުޅުމުގެ ރިޔާސަތު މި އަހަރު ބަލަހައްޓަނީ އިންޑިޔާއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!