ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދުގެ ވަގުތެއްގައި މޮސްކޯއަށް ވަޑައިގަންނަވާނެ އެވެ. މިއީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ ދައުވަތަށް ޝީ ކުރައްވާ، ވަރަށް މުހިންމު ދަތުރެކެވެ.
ޝީގެ ދަތުރުގައި ރަޝިއާ އާއެކު ހަދާފާނެ އެއްބަސްވުމަކަށް މުޅި ދުނިޔެ މިހާރު އޮތީ ލޯ ތަންމިނަށް ހުޅުވައިގެންނެވެ. އޭގެ ތެރެއިން ވެސް ޔުކްރޭނާއި ރަޝިއާ ސުލްހަކުރުމަށް ހަދާފާނެ އެއްބަސުމަކުން ނުކުމެދާނެ ޖަތީޖާއަކަށް ސަމާލުނުވާ އެކަކުވެސް ނެތެވެ.
ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން މިހާރު ވެސް އޮތީ 12 ނުކުތާއެއްގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ހުށަހަޅާފަ އެވެ. މި ނުކުތާތަކާ ބެހޭ ގޮތުން ރަޝިއާއިން ރަސްމީ ސިފާގައި އަދި ގޮތެއް ނުނިންމި ނަމަވެސް، އެއްބަސްވުން ރަނގަޅު ކަމަށް އޮތީ ބުނެފަ އެވެ. ޚުދު އެމެރިކާ ވެސް މި އެއްބަސްވުމުގެ ބައެއް ނުކުތާތަކަށް ރުހުމުގެ ބޯ ވަނީ ޖަހާފަ އެވެ.
އެމެރިކާގެ ސަރުކާރުން ވައިޓް ހައުސްއަށް ކަނޑައަޅާފައި ހުންނަވާ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކާބީ ވިދާޅުވި ގޮތުގައި، ޝީ ޖިންޕިންގެ ދަތުރާ ގުޅިގެން ހަދާ އެއްވެސް އެއްބަސްވުމެއް އެމެެރިކާ ބަލައިނުގަންނާނެ އެވެ.
ޖޯން ކާބީ ވިދާޅުވި ގޮތުގައި ޝީ ޖިންޕިން އާއި ޕޫޓިން މަޝްވަރާ ކުރެއްވުމަށް ފަހު ހަދާ އެއްބަސްވުމަކުން ޔުކްރޭނަށް ވާނެ ފައިދާއެއް ނޯންނާނެ އެވެ. ޗައިނާ އޮތީ ރަޝިއާގެ ހިމާޔަތުގައި ކަމަށް ވިދާޅުވެ ޖޯން ކާބީ ވިދާޅުވީ ރަޝިއާއަށް ކުޑަވެސް ގެއްލުމެއް އޮތް ނަމަ ޗައިނާއިން އެކަމެއް ނުކުރާނެ ކަމަށެވެ.
ޝީ ޖިންޕިންގެ ދަތުރުގައި ހަދާ ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން ރަޝިއާއަށް -- އަސްކަރީ ގޮތުން ގައުމު ވަރުގަދަކުރަން ވަގުތު ލިބުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް ޖޯން ކާބީ ވިދާޅުވި އެވެ.
ޗައިނާ މެދުވެެރިއެއްގެ ދައުރު އަދާކޮށް ޔުކްރޭނާއި ރަޝިއާ ސުލްހައަށް އެއްބަސްކުރުވުމަކީ އެމެރިކާއަށް ވަރަށް ބޮޑު ގޮންޖެހުމަކަށް އަދި ބޮޑު ބިރަކަށް ވާނެ އެވެ. މިދާކަށް ދުވަހު ސައޫދީ އާއި އީރާން ސުލްހަކުރުމަށް ޗައިނާ އަދާކުރި ދައުރު ވަނީ ކާމިޔާބުކޮށް މަޝްވަރާ މޭޒުދޮށަށް މި ދެ ގައުމުގެ ގެނެސްފަ އެވެ.
އެހެންކަމުން ރަޝިއާ އާއި ޔުކްރޭން މަޝްވަރާ މޭޒުދޮށް، ޗައިނާ މެދުވެރިކޮށް ގެންގޮސްފި ނަމަ، ދޭތެރެ ޖެއްސުން ފިޔަވައި އެމެރިކާއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ އެވެ.