ވައިރަހާ ގުޅިގެން ގެފުޅު ސާފުކުރުމަށް ވަގުތީ ގޮތުން ބަންދުކޮށްފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް(ކޮވިޑް-19) އިން ރައްކާތެރިވުމަށް މަސްޖިލު ހަރަމްގައި ހުންނަ ކައުބާ ނުވަތަ ގެފުޅު ސާފުކުރުމަށް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
މިފަދަ ގޮތަކަށް ކައުބާ ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ. ސައުދީ ސަރުކާރުން މިގޮތަށް ކައުބާ ބަންދުކޮށްފައި މިވަނީ ވަގުތީ ގޮތުން އެޅި ފިޔަވަޅެއް ގޮތުގައި ކަމަށް ސައުދީން ބުނެއެވެ.
ދީނީ އިލްމުވެރިޔާ ޑރ. ޔާސިރް ގަދްރީ އެކަމާ ގުޅިގެން ޓްވިޓާގައި ވިދާޅުވީ ކައުބާ ފަޅުވެފައިވާ ކަމަށާއި، ތަވާފް ވެސް ހުއްޓިފައިވާ ކަމަށެވެ.
ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައިވަނީ މިއަދު މެންދުރު ފަހުއެވެ. އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ސިފައިން ވަނީ ނެރެފަައެވެ.
ކޮވިޑް-19 ގެ ސަބަބުން ސައުދީން އަޅާފައިވާ ފިޔަވަޅުތައް ގަބޫލުކޮށް ރާއްޖެއިން ވެސް ވަނީ އުމްރާ ވެރިންގެ ވިސާ ދޫކުރުން ހުއްޓާލާ އެކަން ޓްރެވަލް އެޖެންސީތަކަށް އަންގާފައެވެ.
މިދިޔަ ހޯމަ ދުވަހު ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް ވަނީ ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފަ އެވެ. އެމީހާއަކީ މެދުއިރުމަތީގައި އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާ އީރާނަށް ދަތުރުކުރި މީހެކެވެ.