ދުނިޔެ

އިންޑިޔާއަށް ތިރީހަކަށް ހާސް ޕައިލެޓުން ބޭނުންވުން ކުރިޔަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި އިންޑިޔާއަށް ތިރީހަކަށް ހާސް ޕައިލެޓުން ބޭނުންވެދާނެ: ބޮއިންގ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިޔަށް އޮތް ވިއްސަކަށް އަހަރު ތެރޭގައި އިންޑިޔާއަށް ތިރީހަކަށް ހާސް ޕައިލެޓުންނާއި ވިއްސަކަށް ހާސް މެކޭނިކުން ބޭނުންވެދާނެކަމަށް، މަތިންދާބޯޓު އުފައްދާ އެމެރިކާގެ ކުންފުނި ބޮއިންގއިން ބުނެފިއެވެ.

Ads by Sosun Fihaara

ނޫސްއެޖެންސީ ޕީޓީއައިއިން ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިޔާއިން މިހާރު އޯޑަރު ދީފައިވާ ގިނަ އަދެއްގެ މަތިންދާބޯޓުތަކުގެ ދަތުރުތައް ކުރިޔަށް ގެންދިއުމަށްޓަކައި މިއަދަދަށް ޕައިލެޓުންނާއި އިންޖިނޭރުން ބޭނުންވާނެ ކަމަށް ބޮއިންގގެ އިންޑިއާގެ ރައީސް ސަލީލް ގުޕްތޭ ވިދާޅުވެފައިވެއެވެ. މިއީ އިންޑިޔާގެ "ގްރޯތު ސްޓޯރީ" ނުވަތަ ތަރައްގީގެ ވާހަކަކަމަށް އޭނާ ސިފަ ކުރައްވާފައި ވެއެވެ. އަދި ކުރިޔަށް އޮތް އެތައް އަހަރެއްގައި އެންމެ ބާރަށް ކުރިއަރަމުން އަންނާނެ މާކެޓަކީ ދެކުނު އޭޝިޔާ ސަރަހައްދު ކަމަށް ވާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިންޑިޔާގެ ގައުމީ އެއަރލައިން އެއާ-އިންޑިޔާ، ޓާޓާ ގްރޫޕްގެ ދަށަށް ދިއުމުގެ ފުރުސަތު ދިންކަމީވެސް އެޅި ރަނގަޅު ފިޔަވަޅެއްކަމަށް އޭނާ ސިފަކުރައްވާފައި ވެއެވެ. އަދި މިބަދަލުގެ ސަބަބުން އިންޑިޔާގެ މުޅި އެއިރޯ ސްޕޭސް އިންޑަސްޓްރީ ބަދަލުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ދެތިން މަސް ކުރިން، ޓާޓާ ގްރޫޕުން ހިންގާ އެއަރ-އިންޑިޔާއަށް ވަނީ ބޮއިންގގެ އިތުރުން ޔޫރަޕްގެ އެވިއޭޝަންގެ އެންމެ ބޮޑު އެއަރބަސް ކުންފުންޏަށް 470 ބޯޓަށް އޯޑަރު ދީފައެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ގުޕްތޭ ވިދާޅުވީ، މިއީ އިންޑިޔާއަށް ބަލާއިރު ވަރަށްވެސް ބޮޑު "ޑީލް"އެއް ކަމަށާ މިކަމުގެ ސަބަބުން އޭވިއޭޝަންގެ ދާއިރާގައި ދުނިޔޭގެފެންވަރުގައި އިންޑިޔާގެ ނަންވެސް ފެވިގެންދާނެކަމުގައެވެ.

ގުޕްތޭ އިތުރަށް ވިދާޅުވީ އިންޑިޔާގެ އެއަފ ޓްރެފިކަށް އަންނާނެ ބޮޑު ބަދަލަށް ތައްޔާރުވުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ. މިގޮތުން އެއަރޕޯޓްތައް އިތުރުކުރުމާއި ޕައިލެޓުންނާއިން އިންޖިނޭރުން ފަދަ މުވައްޒަފުން ތަމްރީންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާ ބަދަލުވެގެން މިއަންނަނީ ޗައިނާ ފަދަ "ގޭޓްވޭ" އަކަށް ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ހަތަރު އިގްތިސާދުގެ ތެރޭގައި ހިމެނުމާއެކު، ފާހަގަކޮށްލެވޭ، ހަބަކަށްވުރެ އިތުރު ޚިދުމަތްތައް ތައާރަފް ވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި ކަމަށް ޕީޓީއައި ރިޕޯޓްކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!