ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އިންޑިއާގެ ހަތިޔާރު ޑެލިވަރީއާ ބައްދަލު ނުކުރެވޭނެ: އިންޑިއާ އެއާފޯސް
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އިންޑިއާއަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ވައުދުތަކަށް އިހުތިރާމް ނުކުރެވޭ ކަމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާ (އައިއޭއެފް) އިން ބުނެފި އެވެ.
އައިއޭއެފްގެ މަންދޫބަކު އިންޑިއާގެ ޕާލަމެންޓަރީ ކޮމެޓީއެއްގައި ވިދާޅުވީ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މޮސްކޯއިން "ބޮޑު ޑެލިވަރީއެއް" ނުކުރެވޭނެ ކަމަށެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ޝާއިއުކޮށްފައިވާ މި އިއުތިރާފަކީ ރަޝިއާގެ ކެޕޭސިޓީގައި އުނިކަމެއް ހުރި ކަމަށް ބުނެ އެގައުމުގެ މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާއި ހަބަރުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އެކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.
"އެ ބޭފުޅުން އަޅުގަނޑުމެންނަށް ލިޔުމުން ދެއްވާފައި އެބަހުރި ޑެލިވަރީ ނުކުރެވޭ ކަން،" އެ ރިޕޯޓުގައި ވާ ގޮތުން އެ މަންދޫބު ވިދާޅުވި އެވެ.
ސީއެންއެން އިން ނިއު ދިއްލީގައި ހުންނަ ރަޝިއާގެ އެމްބަސީއަށް ގުޅާފައިވީ ނަމަވެސް ޝާއިއުކުރި އިރު ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ޑެލިވަރީގެ ތަފްސީލެއް އެ ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.
މިހާރު ކުރިއަށްދާ އެންމެ ބޮޑު ޑެލިވަރީއަކީ 2018 ވަނަ އަހަރު އިންޑިއާއިން 5.4 ބިލިއަން ޑޮލަރަށް ގަތް އެސް-400 ޓްރިއަމްފް އެއާ ޑިފެންސް ސިސްޓަމް ޔުނިޓްތަކެވެ. އޭގެ ތެރެއިން ތިން ސިސްޓަމެއް ޑެލިވަރީ ކޮށްފައިވާއިރު އިތުރު ދެ ސިސްޓަމެއްގެ އިންތިޒާރުގައި ތިބި ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި އައިއޭއެފުން ވަނީ އެ ގައުމުގެ އެސްޔޫ-30 އެމްކޭއައި އާއި މިގް-29 ފައިޓާ ޖެޓްތަކަށް ސްޕެއާ ހޯދުމަށް ރަޝިއާއަށް ބަރޯސާވާ ކަމަށް ބުނެފަ އެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން ބުނި ގޮތުގައި ރަޝިއާ އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަތިޔާރު އެކްސްޕޯޓްކުރާ ގައުމެވެ.
މި މަހުގެ ކުރީކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ހަނގުރާމައަށް އިތުރު ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަން އިއުލާނު ކުރައްވާފައެވެ.
ޕުޓިން މިގޮތަށް އަމުރުކުރައްވާފައި މިވަނީ އިރުމަތީގެ ބަޚްމުތު ސިޓީއަށް ދިގު މުއްދަތަކަށް ކުރި ހަނގުރާމައިގައި އޭނާގެ ކުލީ ސިފައިންނަށް އެކަށީގެންވާ މިންވަރަށް ހަތިޔާރު ނުލިބޭ ކަމުގެ ޝަކުވާ ވެގްނާގެ ވެރިޔާ ޔެވްގެނީ ޕްރިގޯޒިން ތަކުރާރުކޮށް ކުރެއްވުމާ ގުޅިގެންނެވެ.