އެފްރިކާއަށް އިތުރު އިންވެސްޓްމަންޓްތަކެއް ކުރާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ހެރިސް ވިދާޅުވެއްޖެ
އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އާދީއްތަ ދުވަހު ވިދާޅުވީ ވާދަވެރި ޗައިނާގެ ނުފޫޒަށް ކައުންޓަރެއް ހުށަހެޅުމުގެ މަގްސަދުގައި އެފްރިކާއަށް ހަފުތާއެއްހާ ދުވަހުގެ ދިގު ދަތުރެއް ފައްޓަވާފައިވާއިރު، އެމެރިކާއިން އެފްރިކާގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް އިގްތިސާދީ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން ފާއިތުވި އަހަރުތަކުގައި ޗައިނާއިން އެފްރިކާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާއިރު، ރަޝިއާގެ ނުފޫޒު ވެސް ވަނީ އިތުރުވެފަ އެވެ.
ޓެންޒޭނިއާ އާއި ޒެމްބިއާއަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމަށްވާ ގާނާއަށް ވަޑައިގަތުމަށް ފަހު ހެރިސް ވިދާޅުވީ މި ދަތުރުގައި އަޅުގަނޑު ގަސްދުކުރަނީ މި ކޮންޓިނެންޓްގައި މިތަނުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް އިގްތިސާދީ ކުރިއެރުމާއި ފުރުސަތަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކުރެވޭ މަސައްކަތްތައް ކުރުމަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެފްރިކާއާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުން ދަނީ ވާދަވެރި ބާރުތަކަށް ބަދަލު ގެނައުމުގެ ގޮތުންނެވެ.
މިދިޔަ ޑިސެމްބަރު މަހު އެމެރިކާ-އެފްރިކާ ސަމިޓްބޭއްވުމުގެ ކުރިން އެމެރިކާއިން ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެ ކޮންޓިނެންޓަށް 55 ބިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ މިމަހު ނައިޖަރަށް ކުރެއްވި ދަތުރުފުޅުގައި އެފްރިކާގެ ސަހެލް ސަރަޙައްދަށް 150 މިލިއަން ޑޮލަރުގެ އިންސާނީ އެހީދޭން ނިންމަވާފައެވެ.
ރައީސްގެ ހައިސިއްޔަތުން ބައިޑަން އަދި އެފްރިކާއަށް ވަޑައެއް ނުގަންނަވަ އެވެ.