ޚަބަރު ސިޔާސީ

ރާއްޖެ ތަރައްޤީގެ މަގަށް އަލުން ގެނެސްދެއްވާނީ ރައީީސް ޔާމީން: ޣައްސާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހިރާއްޖެ ތަރައްޤީގެ މަގަށް އަލުން ގެނެސްދެއްވާނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާ ޢާއިލީ ގުޅުން އޮންނަ ޣައްސާން މިހެން ވިދާޅުވީ އައިޖީއެމްއެޗު ހޮސްޕިޓަލުން ކާބަންޑައިއޮކްސައިޑް ހުސްވާތީ، ބައެއް ސާޖަރީތައް ހުއްޓުމަކަށް އަންނަނީ ކަމަށް ބުނެ، "މިހާރު" ނޫހުން ކުރި ރިޕޯޓަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާބަންޑައި އޮކްސައިޑުގެ ސްޓޮކް މަދުވާތީ، ރޫޓިން ލެޕަރޮސްކޮޕް ސާޖަރީތައް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތައް، އައިޖީއެމްއެޗުން މިހާރު ވަނީ ހުއްޓާލައިފައެވެ. މި ވަގުތަށް ހުރި ކާބަންޑައި އޮކްސައިޑް ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ހަދާ ލެޕަރޮސްކޮޕިކް ސާޖަރީތަކަށް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

މިކަމާ ކަންބޮޑުވުންފާޅުކުރައްވައި ޣައްސާން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެފަދަ ހާލަތެއް ދިމާ ނުވަނީ، އެމަނިކުފާނުގެ ދުރުވިސްނުންފުޅާއި، ޙިކުމަތްތެރި ރޭއްވެވުމާއި އިޙްލާސްތެރި ޚިދުމަތުގެ ސަބަބުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ޣައްސާން ވަނީ، ރައީސް ޔާމީން ރާއްޖެ ތަރައްޤީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!