ދުނިޔެ

ސާފުކުރުމަށް ފަހު ހަރަމްފުޅާއި މަސްޖިދުއްނަބަވީ އަލުން ހުޅުވައިފި

ކޮރޯނާ ވައިރަހުގެ ސަބަބުން ސާފުކުރުމަށް ވަގުތީ ގޮތުން އިއްޔެ ބަންދުކުރި ދެ ހަރަމް އަލުން ހުޅުވާލައިފިއެވެ.

އިއްޔެގެ އިޝާ ނަމާދަށްފަހު މައްކާގައި ހުންނަ މާތް ވެގެންވާ ހަރަމްފުޅާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް ނުވަތަ މަސްޖިދުއްނަބަވީ ވަގުތީ ގޮތުން ބަންދުކުރީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެތަންތަން ސާފުކޮށް ސްޓެރަލައިޒް ކުރުމަށެވެ.

ސައުދީގެ ހަބަރުތައް ގެނެސްދޭ އަލް އަރަބިއްޔާ ނޫހުން ބުނެފައިވާ ގޮތުން، މިއަދުގެ ފަތިސް ނަމާދަށްފަހު ދެ ހަރަމް ވެސް ވަނީ އަލުން ހުޅުވާލައިފައެވެ.

ނަމަވެސް ކޮރޯނާވައިރަސް ފެތުރިގެން ދިއުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އުމްރާގެ އަޅުކަން އަދާކުރުން މަނާކޮށްފައިވާތީ، ކައުބަތުﷲ ގެފުޅުގެ ވަށައިގެން ތޮވާފް ކުރުމަށް އޮންނަ ސަރަހައްދާއި ސޮފާ އާއި މަރުވާއާ ދެމެދު ހިނގަން އޮންނަ މަގު ވަނީ ބަންދުކޮށްފައެވެ.

ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި ނަމާދު ކުރުމަށް ހުއްދަ ދޭނީ މިސްކިތް ތެރޭގައި އެކަންޏެވެ.

ޗައިނާއިން ފެނި ދުނިޔޭގެ އެކި ކަންކޮަޅުތަކަށް ފެތުރިފައިވާ ކޮރޯނާވައިރަހަށް އިއްޔެގެ ނިޔަލަށް ފަސް މީހުން ވަނީ ސައުދީން ޕޮޒިޓިވް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!