ރަޝިއާއިން އިންޑިއާއަށް ވިއްކާ ތެޔޮ 22 ގުނަ އިތުރުވެއްޖެ
ޔޫކްރެއިންގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޔޫރަޕްގެ ފަރާތްތަކުން އެހެން މާކެޓުތަކަށް އެނބުރި ދިއުމުން މިދިޔަ އަހަރު ރަޝިއާއިން އިންޑިއާއަށް ތެޔޮ ވިއްކާ މިންވަރު 22 ގުނަ އިތުރުވެފައިވާ ކަމަށް ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑުމެންގެ ހަކަތައިގެ ގިނަ ވަސީލަތްތައް އެހެން މާކެޓްތަކަށް، ރަހުމަތްތެރި ގައުމުތަކުގެ މާކެޓަށް ރީޑައިރެކްޓް ކޮށްފައި ވޭ،" ރަޝިއާގެ ނިއުސް އެޖެންސީތަކުން އަންގާރަ ދުވަހު ގެނެސްދިން ކޮމެންޓްތަކުގައި އެލެގްޒެންޑާ ނޮވަކް ވިދާޅުވި އެވެ.
"މިސާލަކަށް އިންޑިއާއަށް ތެޔޮ ސަޕްލައި ނަގައިފިނަމަ މިދިޔަ އަހަރު 22 ގުނަ އިތުރުވި،" އޭނާ ވިދާޅުވި އެވެ.
ރަޝިޔާއިން ތެޔޮ އެކްސްޕޯޓް ކުރި މިންވަރު އިންޑިއާ އާއި ޗައިނާއަށް ބަދަލުކުރީ އަވަށްޓެރި ޔޫކްރެއިނަށް މޮސްކޯއިން ސިފައިން ފޮނުވުމުން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ރަޝިއާގެ ހަކަތައިގެ ސަޕްލައިއަށް ބަރޯސާވުން ހުއްޓާލަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިދިޔަ ޑިސެމްބަރު މަހު ވަނީ ރަޝިއާގެ ތެލުގެ އަގު ކަނޑައެޅުމާ އެކު، ގްރޫޕް އޮފް ސެވަން އިންޑަސްޓްރިއަލް ބާރުތަކާ އެކު އެއްބަސްވެފަ އެވެ.
މި ބަދަލުގެ މާނައަކީ "ރަހުމަތްތެރި" ގައުމުތައް ކަމަށްވާ މައިގަނޑު ގޮތެއްގައި ޗައިނާ އާއި އިންޑިއާ އަށް ރަޝިއާގެ ހަކަތަ އިމްޕޯޓް ކުރުން އަގުހެޔޮވުމެވެ.
ނޮވަކް ވިދާޅުވީ 2022 ވަނަ އަހަރު ރަޝިއާގެ ފެޑެރަލް ބަޖެޓުގެ 42 އިންސައްތަ ހިއްސާކުރަނީ ހަކަތައިގެ އާމްދަނީ ކަމަށާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އެގައުމުގެ ހަކަތައިގެ ސިނާއަތަކީ ދެމެހެއްޓެނިވި ސިނާއަތެއް ކަމަށެވެ.
ރަޝިއާގެ ހަކަތައިގެ ދާއިރާ ހިންގެވުމާ ހަވާލުވެ ހުންނެވި ނޮވަކް ވިދާޅުވީ ޗައިނާއަށް ސަޕްލައި އިތުރުވަމުން ދަނީ "މި ސިނާއަތުގައި ކުރެވިފައިވާ ބޮޑެތި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން" ކަމަށެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އޯޕެކް ތެޔޮ އުފައްދާ މައި ކުންފުނި އަދި އެންމެ އިސް ބައިވެރިއެއް ކަމަށްވާ ރަޝިއާއިން ވަނީ މި މަހު ދުވާލެއްގެ މައްޗަށް ފަސް ލައްކަ ފީފާއިން ތެޔޮ އުފައްދާ މިންވަރު ކުޑަކޮށްފަ އެވެ.
ނޮވަކް މިދިޔަ ހަފުތާގައި ވަނީ ދުވާލެއްގެ މައްޗަށް އުފައްދާ އުފެއްދުންތެރިކަމުގެ ފަސް ޕަސެންޓް ކަމަށްވާ އުފެއްދުންތެރިކަން ދަށްކުރުން ޖޫން މަހާ ހަމައަށް ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.