އިމްރާން ޚާންގެ ވާހަކަތަކަށް ހޯމް މިނިސްޓަރުގެ ރަދެއް
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސީ ވާދަވެރިޔާއާ ދެކޮޅަށް އެގައުމުގެ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް އޭނާގެ ޕާޓީން ފާޑުކިޔައިފި އެވެ.
އާދީއްތަ ދުވަހު އެގައުމުގެ ނިއުސް ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ ދެވަނަ އަށް އެންމެ ބާރުގަދަ އޮފިޝަލެއް ކަމަށްވާ އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުالله ވަނީ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން އަވަސް އިންތިހާބަކަށް ގޮވާލަމުން އަންނަ އިމްރާން، 72، އަށް އެހާ ސިއްރު ނޫން އިންޒާރުތަކެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ވާހަކަތައް އާންމުކޮށްފަ އެވެ.
"އެމަނިކުފާނު [އިމްރާން] ގައުމުގެ ސިޔާސީ މަސްރަހު ގެނައީ އަޅުގަނޑުމެންގެ ތެރެއިން އެންމެ ބޭފުޅަކަށް ވެސް ތިބެވޭނެ ހިސާބަށް،" ސަނާالله ވިދާޅުވި އެވެ.
އަދި އަޅުގަނޑުމެންގެ ދިރިއުޅުމަށް ނުރައްކަލެއް ކުރިމަތިވަމުންދާ ކަމުގެ އިހުސާސް ކުރެވޭ ހިނދު، އެފިޔަވަޅަކީ ޑިމޮކްރެޓިކް ފިޔަވަޅެއްތޯ ނުވަތަ ނޫންތޯ ނުވިސްނާނެ ހިސާބަކަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން އަކީ "ފަރުވާ ނުކުރެވޭ" ދުޝްމަނެއް ކަމަށް ސިފަކުރައްވައި މިނިސްޓަރު ވިދާޅުވީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ވެރިޔާ "ހުންނެވިހާ ހިނދަކު" ގައުމުގައި "އާންމު ހާލަތެއް ނުވަތަ ސިޔާސީ ހަމަޖެހުމެއް ނޯންނާނެ" ކަމަށެވެ.
"އޭނާ އަހަންނަށް ތުހުމަތު ކުރަނީ އޭނާ މަރާލަން ރޭވި ކަމަށް، އަދި އަހަންނަށް އޭނާ މަރާލަން ބޭނުންވާ ކަމަށް އޭނާ ހީކުރާނަމަ، ހަމަ ޔަގީނުން ވެސް އޭނާ ބޭނުންވަނީ އަހަރެމެން ވެސް މަރާލަން،" އޭނާ ބުންޏެވެ.