ޗައިނާއަށް 40 މިލިޔަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް އެފްޑީއެކްގެ ފައުންޑަރުގެ މައްޗަށް ތުހުމަތު
މިހާރު ބަނގުރޫޓުވެފައިވާ އެފްޓީއެކްސް ކްރިޕްޓޯކަރަންސީ އެކްސްޗޭންޖްގެ ބާނީ ޗައިނާގެ އޮފިޝަލުންނަށް 40 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް އެމެރިކާގެ ޕްރޮސެކިއުޓަރުން ވަނީ ސޭމް ބޭންކްމަން-ފްރައިޑްގެ މައްޗަށް އާ ދައުވާއެއް އުފުލާފަ އެވެ.
ރިޝްވަތު ރޭވުމުގެ އާ ދައުވާގެ ސަބަބުން އެފްޓީއެކްސް ނޮވެމްބަރު މަހު ވެއްޓުނު މައްސަލާގައި 13 މީހުންގެ މައްޗަށް މިހާރު 13 ދައުވާއެއް އުފުލާފައިވާ އުމުރުން 31 އަހަރުގެ ކުރީގެ ބިލިއަނަރަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ބެންކްމޭން-ފްރައިޑްގެ މައްޗަށް އުފުލާފައިވާ އާ ދައުވާގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ލުވިސް ކަޕްލާންގެ ކުރިމަތީގައި މެންހަޓަން ފެޑެރަލް ކޯޓުގައި އޮންނާނެ ކަމަށް ބެލެވެ އެވެ. އޭނާގެ ވިސްނުން ހުރީ ކުށަށް އިއުތިރާފުވާން ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މީގެ ކުރިން ޕްރޮސެކިއުޓަރުން ވަނީ ބޭންކްމަން-ފްރައިޑްގެ އަލަމޭޑާ ރިސާޗް ހެޖް ފަންޑަށް ލިބުނު ގެއްލުން ފޫބެއްދުމަށް އެތައް ބިލިއަން ޑޮލަރެއްގެ ކަސްޓަމަރުންގެ ފައިސާ ވަގަށް ނަގައި، ވޮޝިންޓަން ޑީސީގައި ނުފޫޒު ގަތުމަށް ގާނޫނާ ހިލާފަށް ކެމްޕޭން ޑޮނޭޝަން ސްކީމެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
މިކަމާ ގުޅިގެން ބޭންކްމަން-ފްރައިޑްގެ ވަކީލުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަންގާރަ ދުވަހު ކަޕްލާން ވަނީ ބޭންކްމަން-ފްރައިޑްގެ 250 މިލިއަން ޑޮލަރުގެ ބެއިލް ޕެކޭޖަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފާސްކޮށްފަ އެވެ.
އާ ދައުވާގައި ބުނެފައިވަނީ ބޭންކްމަން-ފްރައިޑް އަލަމޭޑާގެ މައި ޓްރޭޑިން އެކައުންޓުން ޕްރައިވެޓް ވޮލެޓަކަށް 40 މިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ ދެއްކުމަށް އަމުރުކުރީ އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ކްރިޕްޓޯކަރަންސީ ހުރި އަލަމޭޑާ އެކައުންޓްތައް ފްރީޒް ކުރުމަށް ޗައިނާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.
ޕްރޮސެކިއުޓަރުން ބުނީ އަލަމޭޑާ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ނަން ހާމަނުކުރާ އަލަމޭޑާ ކައުންޓާޕީއެއްގެ ތަހުގީގުގެ ތެރެއިން ކަމަށާއި ފްރީޒް އުވާލުމަށް ޗައިނާގެ އޮފިޝަލުންނަށް ލޮބީ ކުރުމަށް ބޭންކްމަން-ފްރައިޑް މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އަދި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭންކްމަން-ފްރައިޑުން ރިޝްވަތު "ފުރިހަމަ" ކުރުމަށް ޓަކައި އެތައް މިލިއަން ޑޮލަރެއްގެ އިތުރު ކްރިޕްޓޯކަރަންސީ ޓްރާންސްފާ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.