ދުނިޔެ

ޗައިނާގެ ނުފޫޒުން ދުނިޔެ ސަލާމަތް ކުރަން މިދަނީ މަސައްކަތް ކުރަމުން: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގްވާމީ މުވައްސަސާތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ލޯނު ދިނުމުގައި ޗައިނާގެ ނުފޫޒު ހުއްޓުވުމަށް އެމެރިކާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން ވިދާޅުވެއްޖެ އެވެ.

Ads by WAMCO

ޔެލެން ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާއިން ހިންގާ ބައެއް ހަރަކާތްތަކާއި ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ލޯނު ދިނުމުގައި ކަންބޮޑުވާ ކަމަށެވެ.

ހައުސް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ ސްޓޭޓް، ފޮރިން އޮޕަރޭޝަންސް އެންޑް ރިލޭޓެޑް ޕްރޮގްރާމްސް ސަބް ކޮމިޓީގައި ބޭއްވި އަޑުއެހުމެއްގައި އެކަމަނާ ވިދާޅުވީ، ޗައިނާއިން ދުނިޔޭގެ ފެންވަރުގައި ހިންގާ ބައެއް ހަރަކާތްތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި، ގައުމުތައް ދަރަނީގެ ތެރެއަށް ވެއްޓި، އިގްތިސާދީ ކުރިއެރުމަށް މަގުފަހި ނުވާނެ ފަދަ ކަންކަމުގައި ބައިވެރިވާ ކަމަށެވެ.

ޗައިނާއިން 2008 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ތަރައްގީވަމުން އަންނަ 22 ގައުމެއް ބެއިލް ކުރުމަށް 240 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، ފާއިތުވި އަހަރުތަކުގައި އެ އަދަދު ވަނީ އިތުރުވެފަ އެވެ.

ވޯލްޑް ބޭންކާއި ހާވާޑް ކެނެޑީ ސްކޫލާއި އެއިޑްޑޭޓާ އަދި ކިއެލް އިންސްޓިޓިއުޓް ފޯ ދަ ވޯލްޑް އިކޮނޮމީގެ ރިސާޗަރުންގެ ރިޕޯޓުގައި ވާގޮތުން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 80 ޕަސެންޓް ލޯނު ދީފައި ވަނީ މައިގަނޑު ގޮތެއްގައި އާޖެންޓީނާ، މޮންގޯލިއާ އަދި ޕާކިސްތާން ފަދަ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!