ޝެންހާއީގެ އާބާދީ ދަށަށް!
ޗައިނާގެ ވިޔަފާރީގެ ވެރިރަށް ޝަންހާއީގެ އާބާދީ 2022 ވަނަ އަހަރު ދަށަށް ގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން 250،000 އަށް ވުރެ ގިނަ ބިދޭސީން ފުރައިފައި ވަނިކޮށެވެ.
ޝަންހާއީގެ ސްޓެޓިސްޓިކްސް ބިއުރޯއިން އަންގާރަ ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 24.76 މިލިއަން މީހުން ތޮއްޖެހިފައިވާ މި ހަބުގައި 2021 ވަނަ އަހަރު 24.89 މިލިއަން މީހުން ތިއްބެވެ.
ޝަންހާއީގެ މި އަދަދުތައް އައިސްފައި މިވަނީ 2003 ވަނަ އަހަރަށް ފަހު ބެއިޖިންއިން ވެސް ފުރަތަމަ ފަހަރަށް އާބާދީ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
މި ދެ ސިޓީވެސް އޮތީ ގައުމީ ޓްރެންޑްތަކާ އެއްގޮތަށެވެ. ޗައިނާގެ އާބާދީ މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައި މިވަނީ، ހާއްސަކޮށް ބޮޑެތި އާބަން ހަބްތަކުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، އިގްތިސާދީ ކުރިއެރުން ދަށްވުމާއި، އާއިލާއެއް ތަރުބިއްޔަތު ކުރުމާ މެދު ދެކޭ ގޮތް ބަދަލުވުމުގެ ސަބަބުންނެވެ.
ޝަންހާއީގައި ދިރިއުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓް މީހުން ބޭނުންވަނީ އެންމެ ކުއްޖަކު ނުވަތަ އެއްވެސް ކުއްޖަކު ނޫން ކަމަށް ބިއުރޯގެ ރަސްމީ ސާވޭއަކުން ދައްކައިފި އެވެ. މި ސާވޭގައި ބައިވެރިވި ޝަންހާއީގެ 28 އިންސައްތަ އަށްވުރެ ގިނަ މީހުން ބުނެފައިވަނީ ކުޑަކުދިން ބަލަހައްޓަން ކުރާ ޚަރަދު ބޮޑުކަމުން އިތުރު ކުއްޖަކު ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
ޝަންހާއީގެ އުފަންވާ ނިސްބަތް މީގެ އަހަރެއްހާ ދުވަސް ކުރިން 4.7 އިން 1،000 މީހަކަށް 4.4 އަށް ދަށަށް ގޮސްފައިވާއިރު، ހަލުވިކަމާއެކު މުސްކުޅިވަމުން އަންނަ އާބާދީގެ ސަބަބުން އެ ގައުމުގައި މަރުވާ މީހުންގެ ނިސްބަތް 5.6 އިން 1،000 މީހަކަށް 6.0 އަށް ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރު ޗައިނާއިން މިހާތަނަށް އުފަންވާ ނިސްބަތް އެންމެ ދަށް، ކޮންމެ 1،000 މީހަކުން 6.77 އެވެ.
ޝަންހާއީގެ އާބާދީގެ ގާތްގަނޑަކަށް 18.7 އިންސައްތަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހާއި މެއި މަހު ކޮވިޑްގެ ހަރުކަށި ލޮކްޑައުންގައި ޝަންހާއީގެ ގިނަ އަންހެނުންތަކަކަށް ދަރިން ލިބުން މެދުކަނޑާލި އިރު، އެކަމުގެ ސަބަބުން ދަރިން ހޯދުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހީނަރުވެދާނެ ކަމަށް ޑިމޮގްރާފަރުން ބުނެ އެވެ.
ޗައިނާގެ އާބާދީ ކުޑަވަމުންދާތީ ކަންބޮޑުވާ ސަރުކާރުގެ ޕޮލިޓިކަލް އެޑްވައިޒަރުން އުފަންވާ ނިސްބަތް އިތުރުކުރުމަށް 20 އަށް ވުރެ ގިނަ ރިކޮމެންޑޭޝަން ދީފައިވާއިރު، ތަޖުރިބާކާރުން ބުނަނީ އެންމެ ރަނގަޅު ގޮތަކީ އާބާދީ ދަށްވުން ލަސްކުރުން ކަމަށެވެ.