ޗައިނާއިން ރަޝިއާއެކު މަސައްކަތް ކުރަން ތައްޔާރު

ޗައިނާއިން ރަޝިއާގެ އަސްކަރިއްޔާއާއެކު މަސައްކަތްކުރަން ތައްޔާރުކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީން ވަނީ, އެގައުމުގެ އަސްކަރިއްޔާއިން ރަޝިޔާގެ އަސްކަރިއްޔާއާ ގުޅިގެން ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަދި ކޯޑިނޭޝަން ހަރުދަނާކުރުމަށް ތައްޔާރަށް އޮތްކަމަށް، ބުރާސްފަތި ދުވަހު ބުނެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ޓޭން ކެފެއި ވިދާޅުވީ, ދެގައުމު ގުޅިގެން ދުނިޔޭގެ ސަލާމަތީ މަސައްކަތްތައް ތަންފީޒުކުރާނެ ކަމަށެވެ.
ދެގައުމުގެ އަސްކަރީ ގުޅުން އިތުރުކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އިންސާފާއި ސުލްހަ ހިމާޔަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެގައުމުން ގުޅިގެން ޖޮއިންޓް މެރިޓައިމް، އެއަރ ޕެޓްރޯލް، އަދި ޖޮއިންޓް ތަމުރީނުތައް އިތުރަށް އިންތިޒާމްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ދާދި ފަހުން ރަޝިޔާއަށް ޒިޔާރަތް ކުރައްވައި، އެގައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިންއާ ބައްދަލުކުރައްވާފައެވެ. މިއީ އެމެރިކާއިން ކުށްވެރިކުރި ދަތުރުފުޅެކެވެ.