ދުނިޔެ

ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރަން މުހިންމު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރަން ޗައިނާއާއި ޓައިވާނަށް މުހިންމުކަމަށް، ޓައިވާންގެ ކުރީގެ ރައީސް މާ ޔިންގ-ޖޯ ވިދާޅުވެއްޖެއެވެ.

Ads by WAMCO

މިހަފުތާގެ ހޯމަ ދުވަހު މާ ވަނީ ޗައިނާއަށް ވަޑައިގަންނަވާފައެވެ. މިއީ ކޮމިއުނިސްޓުންނާއެކު ހިނގި ދާޚިލީ ހަނގުރާމަ ނިމުނުއިރު 1949ވަނަ އަހަރު ބަލިވި ރިޕަބްލިކް އޮފް ޗައިނާ ސަރުކާރު، ޓައިވާނަށް ފިލައިގެން ދިޔަފަހުން ޗައިނާއަށް ޒިޔާރަތްކުރި ފުރަތަމަ ޓައިވާންގެ، ކުރީގެ ނުވަތަ މިހާރުގެ ރައީސެވެ.

މާގެ މި ދަތުރުފުޅުގައި ޗައިނާގެ ޓައިވާން އެފެއަރޒް އޮފީހުގެ އިސްވެރިޔާ ސޮންގް ޓާއޯއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ހަނގުރާމައަކަށް ނުގޮސް މައްސަލަ ހައްލުކުރަން ޗައިނާއާއި ޓައިވާނަށް މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ގުޅުންތަކުގެ ސުލްހަވެރި، އަދި ހަމަޖެހޭ ތަރައްގީ ދެމެހެއްޓުމަކީ "ޓައިވާންގެ މުޖުތަމައުގެ އާންމު މައިގަނޑު ނަޒަރިއްޔާތު" ކަމަށްވެސް މާ ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުން ބަދަލުކުރުންތައް ދަމަހައްޓައި، ގުޅިގެން އެއްބާރުލުންދީ، ހަނގުރާމައާއި ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެކަމަށް މާ ވިދާޅުވިއެވެ.

ޓައިވާންގެ ރައީސްކަން މާ ކުރައްވާފައި ވަނީ 2008 ވަނަ އަހަރުން 2016 ވަނަ އަހަރަށެވެ.

މާގެ މިދަތުރުފުޅަކީ ޗައިނާއާ ޓައިވާނާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރައްވާފައިވާ ދަތުރުފުޅެކެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ނަމަވެސް ޓައިވާނުން ދަނީ އެގައުމަކީ މިނިވަން ދައުލަތެއްކަމަށް ވަކާލާތުކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!