ދުނިޔެ

އިންޑިއާގައި 500 އެޕް ބޭންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގައި ސައިބަރ ކްރައިމް އަދި ފްރޯޑް ހިންގުމުގައި ބޭނުން ކުރަމުންދާކަމަށް ފާހަގަކުރެވޭ 500 އެޕް ބްލޮކްކޮށްފައިވާކަމަށް، އިންޑިޔާ ސަރުކާރުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހް އަންގާރަ ދުވަހު މިކަން ހާމަކުރައްވާފައިވަނީ ޑެލްހީގެ އެންޑީސީސީ ބަވަންގައި ހުންނަ ސައިބަރ ކްރައިމް ސެންޓަރުގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ޝާހް ވިދާޅުވީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސަލާމަތީ ސަބަބުތަކަށްޓަކައި އެޕްތައް ބްލޮކްކުރީ، ސައިބަރކްރައިމް ކޯޑިނޭޝަން ސެންޓަރުގެ ލަފާގެ މަތިން ކަމުގައެވެ.

ސައިބަރ ސެކިއުރިޓީއަކީ މިއަދު ހަމައެކަނި ޑިޖިޓަލް ދުނިޔެއަށް ކުރިމަތިވެފައިވާ ކަމެއް ނޫންކަމަށާއި އެއީ ނެޝަނަލް ސެކިއުރިޓީއަށްވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަކަށް ވަނީ ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމާއެކު އެންމެންގެ ސަލާމަތާއި ރައްކަލަށްޓަކައި ޑިޖިޓަލް ދުނިޔެ ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް މޯދީގެ ސަރުކާރުން ކުރަމުން ގެންދާނެކަމަށް އަމިތު ޝާހު ވިދާޅުވިއެވެ.

އިންޑިޔާގައި ހިންގާފައިވާ އެންމެ ބޮޑު 50 ސައިބަރ ހަމަލާ ހިންގި ގޮތް އެނަލައިޒްކޮށް، ސަރުކާރުން މިހާރު ވަނީ ތަފްސީލް ރިޕޯޓެއް އެކުލަވައިލާފައެވެ. މި ހޯދުންތަކުން، މިހާރު ފްރޯޑްތައް ހިންގާ މަދުވެގެން 4 އައިޕީ އެޑްރެސް ޓްރޭސްކުރެވި، ކުރިން އެނގިފައިނުވާ އީމެއިލް އެޑްރެސްތަކަކާއި ފޯނު ނަމްބަރުތަކެއް ފެނިފައިވާކަން ހާމަކޮށްފައިވެއެވެ. މި ފޯނު ނަމްބަރުތަކާއި އީމެއިލް އެޑްރެސްތައް ނިސްބަތްވަނީ ޗައިނާގެ އެކި ޓެރިޓަރީތަކުގެ ތަންތަނަށް ކަމުގައިވެސް އިންޑިޔާ ސަރުކާރުން ބުނެފައިވެއެވެ.

ސައިބަރ ޖަރީމާގެ ކަންތައް ބޮޑުވެގެން ހޯމް މިނިސްޓްރީން ވަނީ ޚާއްޞަ ހެލްޕްލައިނެއްވެސް ތައާރަފްކޮށްފައެވެ. މި ހެލްޕްލައިންގެ ބޭނުންކުރުމަށް 250 ބޭންކަކަށާއި މާލީ އިދާރާތަކަށް ވަނީ ހުޅުވާލާފައެވެ. އަދި ހެލްޕްލައިންގެ ސަބަބުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާކަމަށާއި، ނުގަވާއިދުން އެއްތަނުން އަނެއް ތަނަށް ފޮނުވޭ ފައިސާ ފޮނުވުން ބަންދުކޮށްލެވޭ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ސައިބަރ ފްރޯޑްތައް އަވަހަށް ރިޕޯޓްކުރެވި، ކަމާބެހޭ ޓާސްކްފޯހުން އެޅި އަވަސް ފިޔަވަޅުގެ ސަބަބުން، އެއްލައްކަ 33 ހާސް މީހުންގެ އަތުން ފޭރިފައިވާ 235 ކްރޯޑް ރުޕީސް އަނބުރައި ހޯދިފައިވާކަމަށް ޔޫނިއަން ހޯމް މިނިސްޓަރ އަމިތު ޝާހްގެ ވާހަކަފުޅުގައި ހާމަކުރައްވާފައިވެއެވެ. އަދި ސައިބަރ ކްރައިމްގެ "ދުއްތުރާލުން" ސަލާމަތްވުމަށް ވީހާވެސް ބޮޑަށް އެކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށްވެސް އަމިތު ޝާހް ވިދާޅުވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!