ދުނިޔެ

ޗައިނާއިން ހައްޔަރުކޮށްފައިވާ ޖަޕާންގެ މީހާ ދޫކޮށްލަން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ހައްޔަރުކޮށްފައިވާ ޖަޕާނު ރައްޔިތަކު ދޫކޮށްލަން، އެގައުމުގެ ފޮރިން މިނިސްޓަރ ޔޮޝިމަސަ ހަޔަޝީ، ޗައިނާގެ ފޮރިން މިނިސްޓަރ ޗިން ގޭންގްގެ އަރިހުން އެދިވަޑައިގެންފިއެވެ.

Ads by WAMCO

ޖަޕާން އަދި ޗައިނާގެ ފޮރިން މިނިސްޓަރުން ވަނީ އާދިއްތަ ދުވަހު، ޗައިނާގެ ވެރިރަށް ބެއިޖިންގައި ބައްދަލުކުރައްވާފައެވެ.

ހަޔަޝީގެ މިދަތުރުފުޅަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ޖަޕާންގެ ފޮރިން މިނިސްޓަރަކު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މިދިޔަ ހަފުތާގައި ޗައިނާއިން ވަނީ އެސްޓެލަސް ފަރމާ އިންކްގައި މަސައްކަތްކުރަމުން ދިޔަ ޖަޕާނު ރައްޔިތަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާހުރެ ކަމެއް ހާމައެއް ނުކުރެއެވެ.

2015 ވަނަ އަހަރުން ފެށިގެން ޗައިނާއިން ވަނީ، ޖާސޫސުކުރާ ކަމުގެ ތުހުމަތުގައި ޖަޕާންގެ 16 މީހަކު ހައްޔަރުކޮށްފައިކަމަށް ޖަޕާންގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށްފަހު ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ހަޔަޝީ ވަނީ، މިދިޔަ ހަފުތާގައި ޗައިނާއިން ޖަޕާނު ރައްޔިތަކު ހައްޔަރުކުރުމާ ގުޅިގެން ނުރުހުން ފާޅުކޮށް، އޭނާ ދޫކޮށްލުމަށް އެދިފައިވާނެކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެގައުމުގެ ފޮރިން މިނިސްޓަރާ ހަވާލާދީ ބުނެފައިވަނީ، ޗައިނާއިން އެގައުމުގެ ގާނޫނާ އެއްގޮތަށް އެ ކޭސް ހޭންޑްލް ކުރާނެ ކަމަށެވެ.

ބަންދުކުރުމާ ގުޅޭ ގާނޫނީ މަރުހަލާގައި ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށް ޖަޕާނުން ބާރުއަޅާކަމަށާއި، އެގައުމުން ބޭނުންވަނީ އިންސާފުވެރި އަދި ރައްކާތެރި ވިޔަފާރީގެ މާހައުލެއް ގާއިމްކުރުމަށްކަމަށް ޗައިނާގެ މިނިސްޓަރާ ހިއްސާކުރައްވާފައި ވާނެކަމަށް ހަޔަޝީ ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ރައްދު ޗައިނާގެ ރައީސް ދެއްވި ގޮތެއް ހަޔަޝީ ހާމައެއްނުކުރައްވައެވެ.

މީގެ އިތުރުން ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވުމާގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި ވާނެކަމަށް ޖަޕާންގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޗައިނާއިން ރަޝިއާއާއެކު އޮންނަ ގުޅުން ވަރުގަދަވަމުން ދާތީ އެކަމުގެ ކަންބޮޑުވުމާއި، އީސްޓް ޗައިނާ ކަނޑުގައި އެގައުމުގެ މެރިޓައިމް ޕްރެޒެންސް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައި ވާނެކަމަށް ހަޔަޝީ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!