ޕާކިސްތާނުގައި ބެހި ކާބޯތަކެތި ހޯދަން އުޅުމުގެ ތެރޭގައި ފިތިގެން މަރުވި މީހުންގެ އަދަދު 13އަށް

ޕާކިސްތާނުގައި ބެހި ކާބޯތަކެތި ހޯދަން އުޅުމުގެ ތެރޭގައި ފިތިގެން މަރުވި މީހުންގެ އަދަދު 13ށް އަރައިފިއެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. އެ ހާދިސާގައި 13 މީހުން މަރުވެފައިވާއިރު، އަނިޔާވި މީހުންގެ އަދަދު ވަނީ 10ށް އަރާފައެވެ.
ޕާކިސްތާނު ފުލުހުން ބުނެފައިވާގޮތުގައި މި ހާދިސާ ހިނގީ ކަރާޗީގައި ހުންނަ ފެކްޓްރީ ސައިޓެއްގައެވެ. އެގޮތުން ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ ބަޔަކު އެތަކެތި ބަހަންފެށުމުން އެތައް ބަޔަކު އެއްފަހަރާ އެއްވެ އެތަކެތި ނަގަން އުޅުމުން މީހުން ފިތުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޮއިޓަރސްއިން ބުނެފައިވާގޮތުގައި މިފަދަ އިތުރު ހާދިސާތަކެއްވެސް ފާއިތުވި ހަފުތާތެރޭގައި ޕާކިސްތާނުގައި ވަނީ ހިނގާފައެވެ.
ޕާކިސްތާނުގެ އިގްތިސާދު ދަށްވުމުގެ ސަބަބުން އެ ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން ތަކެތީގެ އަގު އިންތިހާއަށް އަރާފައިވާއިރު، ފުށްފަދަ ޒަރޫރީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 45 އިންސައްތަ ބޮޑުވެފައެވެ. އެހެންކަމުން ރޯދައާ ދިމާކޮށް ޕާކިސްތާނު ސަރުކާރުން އަންނަނީ ހިލޭ ފުށް ބަހަމުންނެވެ.