އަފްގާނުން އިނގިރޭސިވިލާތުގެ ތިން މީހަކު ހިފަހައްޓައިފި
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިނގިރޭސިވިލާތުގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ޕްރެޒިޑިޔަމް ނެޓްވަރކްއަށް ނިސްބަތްވާ ތިން މީހުން ހިފަހައްޓައިފިއެވެ. އެ ތިން މީހުން ޠާލިބާނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.
ޕްރެޒިޑިޔަމް ނެޓްވަރކްއަކީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޖަމުޢިއްޔާއެކެވެ. އެ ތިން މީހުން މިނިވަން ކުރުމާ ގުޅޭ ގޮތުން ޠާލިބާނު ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.
އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ، ހައްޔަރުކޮށްފައިވާ ތިން މީހުން މިނިވަންކުރުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. އަދި، އެ ތިން މީހުންގެ ޢާއިލާއާ ގުޅިގެން، އެ މީހުންނާ ވާހަކަދެއްކޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ޕްރެޒިޑިޔަމް ނެޓްވަރކްގެ އިސް އޮފިޝަލެއް ކަމުގައިވާ ސްކޮޓް ރިޗަރޑްސް ބުނީ، އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ. އަދި، ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކެއްގެ އަތުގައި ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮންނަ ކަމަށާއި، އޭނާގެ އަތުގައި ހަތިޔާރެއް އޮންނާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ، ބަޔަކު ދިން މަޢުލޫމާތަކާ ގުޅިގެން އެ މީހުން ދިރިއުޅޭ ޢިމާރާތް ބަލައިފާސްކުރުމަށް ފަހުއެވެ. އެ ގެއިން ހަތިޔާރެއް ފެނުނު ނަމަވެސް، އެ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ނުފެނުމުން، ޠާލިބާނުން ވަނީ އެ ތިން މީހުން ހައްޔަރުކޮށްފައެވެ.
ހައްޔަރުކޮށްފައިވާ އިނގިރޭސިވިލާތުގެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ގަބޫލުކުރާ ކަމުގައި ވެސް ރިޗަރޑްސް ބުންޏެވެ. އަދި، ޠާލިބާނުން އެ މީހުންނާ މެދު އިހާނެތިކޮށް އަމަލުކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ އެހީދޭ ޖަމުޢިއްޔާއެއްގައި މަސައްކަތްކުރާ ތިން މީހުން ހައްޔަރުކޮށްފައި މި ވަނީ، އަންހެންނާއި އަންހެން ކުދިންނަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ހަނިކުރުމަށް އެ ޤައުމުގައި ވެރިކަން ކުރާ ޠާލިބާނުން ކުރަމުންދާ މަސައްކަތްތައް ހަރުކަށި ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަދި، އެމެރިކާއިން އަފްޣާނިސްތާނަށް އަރައި ކުރި ހަނގުރާމައިގެ ބައިވެރިއެއްގެ ގޮތުގައި އޮވެ، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ކުށްތައް ތަހުޤީޤު ކުރުމުގެ މަސައްކަތް ޠާލިބާނުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.