ޓައިވާނުގެ ރައީސާ ބައްދަލު ނުކުރުމަށްބުނެ ޗައިނާއިން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އިންޒާރު ދީފި

ޓައިވާނުގެ ރައީސް ސައި އިންގް-ވެންއާ ބައްދަލުކުރައްވައި ، "ކުރީގެ ނުރައްކާތެރި ގޯސްތައް ތަކުރާރު ނުކުރުމަށް" އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީއަށް ޗައިނާއިން އިންޒާރު ދީފި އެވެ.
އެމެރިކާގެ ރައީސާއި ނައިބު ރައީސަށް ފަހު އެމެރިކާގެ ތިން ވަނައަށް އެންމެ ސީނިއާ ލީޑަރު، ރިޕަބްލިކަން ޕާޓީގެ މެކާތީ އަންނަ ބުދަ ދުވަހު ކެލިފޯނިއާގައި ސައިއާ އެކު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ޓައިވާނަކީ އަމިއްލަ ސަރަހައްދެއް ކަމަށް ބުނާ ޗައިނާއިން މިދިޔަ އޮގަސްޓް މަހު އެ ރަށުގެ ވަށައިގެން ހަނގުރާމައިގެ ކުޅިވަރުތައް ކުރިއަށް ގެންދިޔައީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އޭރުގެ ރައީސް ނެންސީ ޕެލޯސީ ވެރިރަށް ޓައިޕޭއަށް ޒިޔާރަތް ކުރެއްވުމުންނެވެ.
ސެންޓްރަލް އެމެރިކާ އަށް ކުރެއްވި ދަތުރަކަށް ފަހު އެނބުރި ޓައިޕޭއަށް ވަޑައިގަތުމުން ސައި ލޮސް އެންޖެލިސްގައި ރަސްމީކޮށް "ޓްރާންސިޓް" ގެ ނަމުން ނަން ދީފައިވާ އެއްޗަކަށް ހަދާނެ އެވެ. އެމެރިކާއިން ބުނަނީ މިފަދަ ސްޓޮޕްއޯވާތަކަކީ އާންމު ކަމެއް ކަމަށާއި ޗައިނާއިން އޯވާ ރިއެކްޓް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ނަމަވެސް ލޮސް އެންޖެލިސްގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުން ބުނީ އެއީ ޓްރާންސިޓެއް ކަމަށް ބުނުމަކީ ދޮގެއް ކަމަށާއި ސައި ރަސްމީ އެކްސްޗޭންޖްތަކުގައި ބައިވެރިވަނީ "ސިޔާސީ ޝޯއެއް ދެއްކުމަށް" ކަމަށެވެ.