ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން މާދަމާއާ ހަމައަށް ކުރިއަށްދާނެ: އިސްލާމިކް މިނިސްޓްރީ
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން 06 އެޕްރިލް 2023 (މާދަމާ) ހަމައަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވީ ސަޢޫދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ހުސްވެފައިވާ ކަމަށެވެ.
އަދި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށާއި ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ސަޢޫދީ ސަރުކާރުން މިއަހަރުވެސް ރާއްޖެއަށް ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ. ކަދުރު ބެހުމުގެ މަސައްކަތް މިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ.
ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.