ޓައިވާންގެ ރައީސް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސްގެ ރައީސްއާ ބައްދަލު ކުރަނީ
ޓައިވާންގެ ރައީސް ސައި އިންގ-ވެން އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބުދަ ދުވަހު ބައްދަލުކުރައްވާނެއެވެ.
އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސާ ޓައިވާންގެ ރައީސް ބައްދަލުކުރައްވަނީ އެމެރިކާއެވެ. މި ބައްދަލުވުމަކީ އެކަން ނުކުރުމަށް ޗައިނާއިން ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުމަށް ބީރު ކަންފަތެއް ދިނުމަށްފަހު ޓައިވާން އަދި އެމެރިކާއިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މެކާތީ އަކީ އެމެރިކާގެ ލީޑަރޝިޕްގެ ހައިރާކީއަށް ބަލާއިރު، ތިން ވަނައިގައި ހުންނެވި ބޭފުޅާއެވެ. މެކާތީ އާއި ޓައިވާންގެ ރައީސް ސައި ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ ސިމީ ވެލީ ކެލިފޯނިއާގެ ރޮނާލްޑް ރޭގަން ޕްރެޒިޑެންޝަލް ލައިބްރަރީގައެވެ.
މިބައްދަލުކުރެއްވުން ވެގެންދާނީ 1979 ވަނަ އަހަރު، ޓައިޕެއި އާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ޗައިނާ އާއެކު އޮންނަ ގުޅުމަށް އެމެރިކާއިން ބަދަލުކުރި ފަހުން، ޓައިވާންގެ ރައީސަކާއެކު އެމެރިކާގައި ބޭއްވޭ އެންމެ އިސްފަންތީގެ ބައްދަލުވުމަށެވެ.
ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެގައުމުން ގަބޫލުކުރާއިރު، އެމެރިކާ އާއި ޓައިވާންގެ އިސްވެރިންގެ މިބައްދަލުވުމަކީ ޗައިނާއިން ނުރުހުން ފާޅުކުރަމުން އަންނަ ބައްދަލުވުމެކެވެ.
ޓައިވާންގެ ރައީސްގެ މި ދަތުރުފުޅަކީ 2019ގެ ފަހުން އެކަމަނާ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސައި އެމެރިކާއަށް ވަޑައިގެންފައި މިވަނީ ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން ގުއަޓެމާލާ އަދި ބެލީޒަށް މިދިޔަ ހަފުތާ އެކަމަނާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓައިވާނަށް ވަޑައިގަންނަވާ މަގުމަތީގައެވެ.
މިކަމާ ގުޅިގެން އެމެރިކާއިން ވަނީ ޗައިނާއަށް 'އޯވަރ ރިއެކްޓް' ނުކުރުމަށް ގޮވާލާފައެވެ. އަދި މިއީ އެމެރިކާ އާއި ޓައިވާނާ ދެމެދު އޮންނަ ނުރަސްމީ ގުޅުމުގެ ސަބަބުން ބާއްވާ ކުޑަ ބައްދަލުވުމެއް ކަމަށްވެސް އެމެރިކާއިން ވަނީ ސިފަކޮށްފައެވެ.
ނަމަވެސް މާހިރުން ދަނީ ޓައިވާންގެ ރައިސާ މެކާތީގެ މިިބައްދަލުކުރެއްވުމަކީ، މިހާރުވެސް ހީނަރުވެފައިވާ އެމެރިކާ-ޗައިނާ ގުޅުން އިތުރަށް ހީނަރުވެގެންދާނެ ސަބަބެއް ކަމަށް ބުނަމުންނެވެ.