ޕާކިސްތާންގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ރޯވެ ބޮޑު ގެއްލުމެއް
ޕާކިސްތާނުގައި ކަރަންޓު އުފައްދާ ހައިޑްރޯޕަވަރ ޑޭމްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރާ މުވައްޒަފުންނާއި، އެ ކަމަށް ބޭނުންވާ ސާމާނު ބަހައްޓާފައި ހުރި ގުދަންތަކެއް ހުންނަ ކޭމްޕެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އެ ޤައުމުގެ ހުޅަނގުއުތުރުގައިވާ ޚަރިބަރް ޕަޚްތުންޚްވާ ޕުރޮވިންސުގެ ކޯހިސްތާން ޑިސްޓްރިކްޓުގައި ހުންނަ ކޭމްޕެއްގައެވެ.
ކޯހިސްތާން ޑިސްޓްރިކްޓުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ޑާސޫ ޑޭމްއަކީ ޗައިނާގެ ކުންފުންޏަކުން ތަރައްޤީ ކުރާ ތަނެކެވެ. އެއީ، ޗައިނާއާއި ޕާކިސްތާނާ ދެމެދު ހަދާފައިވާ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީ.ޕީ.އީ.ސީ)ގެ ދަށުން ހިންގާ މަޝްރޫޢެކެވެ. 2015 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޑޭމް ތަރައްޤީކުރުމުގެ މަޝްރޫޢު ޗައިނާގެ ޗައިނާ ގެޒްހޫބާ ގްރޫޕް ކޮމްޕެނީއާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ މަޝްރޫޢުގެ ދަށުން މަސައްކަތްކުރާ ޗައިނާ މުވައްޒަފުން ތިބޭ ކޭމްޕުގައެވެ. އަދި، އެ ތަނާ އިންވެގެން ހުންނަ ގުދަންތަކުގައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. އެ ގުދަންތަކުގައި ހުރި މުދަލާއި ސާމާނުގެ ތެރޭގައި މަޝްރޫޢަށް ބޭނުންވާ ތެލާއި، އެހެނިހެން މެޝިނަރީ ހިމެނެއެވެ. އަލިފާނުގެ ހާދިސާގައި އެ ތަކެތި ވަނީ އަނދާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓްސަރކިޓްވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި މި ހާދިސާ ތަހުޤީޤު ކުރަމުންދާ ފަރާތްތަކުން ބުނެއެވެ. 2021 ވަނަ އަހަރު، ޑާސޫ ޑޭމް މަޝްރޫޢުގައި މަސައްކަތްކުރާ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއްގައި އެއްޗެއް ގޮވައި 12 މީހުން މަރުވިއެވެ. ޗައިނާގެ މުވައްޒަފުންތަކެއް ވެސް މަރުވި އެ ހާދިސާ ހިނގާފައި ވަނީ ބަހުގައި ބޮމެއް ގޮއްވައިލުމުގެ ސަބަބުން ކަމަށް ޗައިނާއިން ތުހުމަތުކުރެއެވެ. ނަމަވެސް، ޕާކިސްތާނުން ބުނީ އެއީ ގޭސް ލީކުވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމުގައެވެ.
2021 ވަނަ އަހަރުގެ އޮގަސްޓު މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ޕާކިސްތާނުގައި ހަރަކާތްތެރިވާ އެ ޖަމާޢަތަށް ވަފާތެރި ހަނގުރާމަވެރިން ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. އަދި، ހަމަލާތައް އެންމެ ގިނައިން ދީފައި ވަނީ، ޗައިނާގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ސަރަޙައްދުތަކުގައި ކަން ފާހަގަކުރެވެއެވެ.