ދުނިޔެ

ޝީއާއި މެކްރޮންގެ ބައްދަލުވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚޯން ޗައިނާއަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވައިފިއެވެ. އޭނާގެ މި ދަތުރުފުޅުގެ ބޭނުމަކީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ވިލާތުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމެވެ.

Ads by Sosun Fihaara

ޝީއާ ވާހަކަފުޅު ދައްކަވަމުން މެކްޚޯން ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނައުމަށް ޗައިނާއަށް ވަރަށް އިސް ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާފައެވެ. އަދި، ހަނގުރާމަ ހުއްޓުވަން ވިލާތުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް ޗައިނާއަށް ދަޢުވަތު އަރުވާ ކަމުގައެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި އެމެރިކާއާއި ވިލާތުގެ ބާރުތަކުން ތާޢީދުކުރަނީ ޔޫކްރެއިނަށެވެ. އަދި، އެ ޤައުމަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ނަމަވެސް، ޗައިނާއިން މި ހަނގުރާމައާ ގުޅިގެން ވަކި ފަރާތަކަށް ބުރަވެފައެއް ނުވެއެވެ. އަދި، ވަކި ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައެއް ނުވެއެވެ. ވިލާތުން ބޭނުން ވަނީ ޗައިނާގެ އެހީތެރިކަން ޔޫކްރެއިނަށް ހޯދައިދޭށެވެ.
ނަމަވެސް، ޗައިނާއިން ރަޝިޔާއަށް އެހީތެރިވެދިނުމާ ގުޅޭ ގޮތުން ވިސްނަމުންދާ ކަމުގައި އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

ޝީ ދާދި ފަހުން ވަނީ ރަޝިޔާއަށް ވަޑައިގަންނަވައި، ރައީސް ވްލަޑިމިޔަރ ޕުޓިންއާ ބައްދަލު ކުރައްވާފައެވެ. ނަމަވެސް، ހަނގުރާމަ ފެށި ފަހުން އޭނާ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އަދި މިހާތަނަށް ފޯނުން ވެސް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

ވިލާތުގެ އިއްތިހާދު (އީ.ޔޫ) ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮންޑެ ލަޔަން ވެސް މެކްޚޯނާ އެކު ބެއިޖިންގްއަށް ވަޑައިގަންނަވާފައިވެއެވެ. މެކްޚޯންގެ ދަތުރުފުޅުގައި ޗައިނާގެ ބޮޑުވަޒީރު ލީ ޗިއަންގާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!