ދުނިޔެ

ޓައިވާނުގެ އެމެރިކާގެ މަންދޫބާއި އެމެރިކާގެ މުއައްސަސާތަކަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑި ފެކްޓޯ ސަފީރު ސިއާއޯ ބީކިމްއާ ދެކޮޅަށް ޗައިނާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އޭނާއާއި އާއިލާގެ މެމްބަރުން މެއިންލޭންޑް، ހޮންގްކޮންގް އަދި މަކާއޯއަށް ވަނުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން އިއުލާނުކުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިންވެސްޓަރުންނާއި ޝިއާއޯއާ ގުޅުން ހުރި ކުންފުނިތަކަށް މެއިންލޭންޑް އޯގަނައިޒޭޝަންތަކާއި ފަރުދުންނަށް އެއްބާރުލުން ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެއީ ޓައިވާނުގެ ރައީސް ސައި އިންގް-ވެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މެކާތީއާ މި ހަފުތާގައި އެމެރިކާގައި މަޑުކުރެއްވުމުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އެވެ.

"ވާއު، ޕީއާރުސީ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އިން އަނެއްކާވެސް އަޅުގަނޑަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ، ދެވަނަ ފަހަރަށް،" އެ އިއުލާނަށް ރައްދު ދެއްވަމުން ސިއާއޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އެމެރިކާގެ ހަޑްސަން އިންސްޓިޓިއުޓާއި ރޭގަން ލައިބްރަރީ އާއި އެ ތަންތަނުގެ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅުއަޅާކަން އިއުލާނުކޮށް، އެ ދެ މުއައްސަސާއިން ވެސް ސައިގެ ވަކިވެގަތުމުގެ ހަރަކާތްތައް ހިންގުމަށް ޕްލެޓްފޯމަކާއި ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށް ބުނެފަ އެވެ.

ޓައިވާނުގެ ޚާރިޖީ ވުޒާރާއިން ރުޅިވެރިކަމާއެކު ރައްދު ދެމުން ބުނެފައިވަނީ ސައިގެ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ޗައިނާއަށް "ބަޓް އިން" ކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް އަސަރެއް ކުރާނެ ކަމަށް ބެއިޖިންއިން ހީކުރާނަމަ އަމިއްލަ ނަފްސަށް އޮޅުވާލަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!