ދުނިޔެ

ހަލަބޮލިކަމުގެ ތެރޭގައި ޕާކިސްތާނުން ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް އޮޕަރޭޝަނެއް ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ހަތިޔާރު އެޅި ޖަމާއަތްތައް ނައްތާލުމަށް މުޅި ގައުމުގައި އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (އެންއެސްސީ) އިން ބުނެފި އެވެ.

Ads by Sosun Fihaara

މިދިޔަ ހުކުރު ދުވަހު އިއުލާނުކުރި މި ފިޔަވަޅަކީ މިހާރުވެސް އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ބޮޑެތި ކާރިސާތަކަކާ ކުރިމަތިލާން ޖެހިފައިވާ ގައުމަކަށް އަގުބޮޑު ފިޔަވަޅެކެވެ.

"[އެންއެސްސީ] ބައްދަލުވުމުގައި އެއްބަސްވީ ޓެރަރިޒަމްގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށް ޓަކައި މުޅި ގައުމާއި ސަރުކާރުގެ ބައިވެރިވުމާއެކު މުޅިން ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ފަށަން،" ބޮޑުވަޒީރުގެ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމެއް މެދުކަނޑާލާފައި ވަނިކޮށް، ޕާކިސްތާނުގެ ދަރަނި ނުދެއްކުމުގެ ނުރައްކާ ބޮޑުވެފައިވާއިރު، ސަރުކާރާއި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއާ ދެމެދު ސިޔާސީ ހަނގުރާމައެއް ދަނީ ހިނގަމުންނެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް އެންމެ ފަހުން އޮޕަރޭޝަނެއް ފަށާފައި ވަނީ 2014 ވަނަ އަހަރު ކަމަށާއި އެކަމުގެ ސަބަބުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުވެ، މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށެވެ.

ޕާކިސްތާނު ތާލިބާނުން (ތަހްރީކޭ ތާލިބާން ޕާކިސްތާން ނުވަތަ ޓީޓީޕީ) އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރާ އެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެއްފަރާތަކުން އުވާލުމާ ގުޅިގެން އެ ގައުމުގެ ސަލާމަތީ ބާރުތަކަށް ދޭ ހަމަލާތައް ދާދި ފަހުން ވަނީ އިތުރުވެފަ އެވެ.

މި އަހަރު އެ ޖަމާއަތާއި އެ ޖަމާއަތުގެ ފެކްޝަންތަކުން ވަނީ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޕިޝާވަރުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ ފުލުހުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!