ޗައިނާއާ ހަނގުރާމަކުރަން އެމެރިކާ ތައްޔާރު
ޗައިނާއާ ހަނގުރާމަކުރަން އެމެރިކާ ތައްޔާރު ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާމަން މައިކަލް މެކޯލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޓައިވާންއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ވެރިރަށް ޓައިޕޭގައި އޮތް ބައްދަލުވުމެއްގަ އެވެ.
މައިކަލް މެކޯލް ވިދާޅުވި ގޮތުގައި ޓައިވާނަށް އަރައިގަތުމުގެ ނިޔަތުގައި ޗައިނާއިން އަސްކަރީ ހަމަލާއެއް ދީފިނަމަ އެމެރިކާ ސިފައިން ޓައިވާނަށް ފޮނުވަން ބޭނުންވާ ހުރިހާ ހުއްދައެއް ގާނޫނު ހަދާ މަޖިލީހުން ދެއްވާނެ ކަމަށެވެ.
މެކޯލް ވިދާޅުވީ އެމެރިކާ ރައްޔިތުންގެ ވިސްނުމަކީ ޓައިވާން ހިމާޔަތްކުރުން ކަމަށްވާނަމަ ގާނޫނު ހަދާ މަޖިލީހުގައި ތިބި މެމްބަރުން އެކަމުގައި ބައިވެރިވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ގާނުނު ހަދާ މަޖިލީސް ފުރޮޅޭނެ ކަމަށެވެ.
ޗައިނާގެ އަސްކަރިއްޔާއިން ޓައިވާންގެ މައްޗަށް ބާރުގަދަކޮށްފިނަމަ އެކަން ވެގެންދާނީ އެމެރިކާއިން ބަހުސްކުރާނެ ކަމަކަށް ކަމަށްވެސް މެކޯލް ވިދާޅުވި އެވެ. އަދި މިކަމަށް ހިތްވަރުދޭ ބަހުސްތައް މިހާރު ވެސް ކަރުދާހުގެ ސިފައިގައި މޭޒުމަތީގައި އޮތް ކަމަށްވެސް އޭނާ އެއްބަސްވެ ވަޑައިގެންނެވި އެވެ.
ހަނގުރާމައަކީ އެހެން ގޮތެއް ނެތުމުން ނޫނީ ނުކުރާނެ ކަމެއް ކަމަށް މެކޯލް ވިދާޅުވި އެވެ. އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ޒިޔާރަތްކުރެއްވުމުގެ ބޭނުމަކީ ވެސް އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ޓައިވާން ދިފާއުކުރާނެކަން އެންގުމެވެ.
ޗައިނާ ރުޅިއެރުވުމަށްޓަކައި ޓައިވާންއާ ގުޅިގެން އެމެރިކާ ގެންދަނީ އެކަމަށް މަގުފަހިކުރުވާނެ ހުރިހާ ކަމެއް ކުރަމުންނެވެ.
އެމެރިކާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދުތައް ޓައިވާނަށް ޒިޔާރަތްކުރުމަކީ ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކެވެ.
އަނެއްކޮޅުން، ޓައިވާންގެ ރައީސް، ސައި އިންވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކެވިން މިކާތީއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ. މިއީވެސް ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހެދި ކަމެކެވެ.
ސައި މިގޮތަށް ކަންކުރެއްވީ ޗައިނާއިން އެކަން އެގޮތަށް ނުކުރެއްވުމަށް ދަންނަވައި ތަކުރާރުކޮށްފައި ވަނިކޮށެވެ.
ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ ވަކިން އޮންނަ އެ ގައުމުގެ އަވަށެވެ. އެއީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން އެމެރިކާ ނުވަތަ އެހެން ގައުމަކަށްވެސް ޓައިވާންއާ އެކު މިނިވަން އެއްބަސްވުންތަކެއް ނުހެދޭނެ އެވެ.