ދުނިޔެ

ޗައިނާގެ 71 މަތިންދާ ބޯޓް، ޓައިވާންގެ ސްޓްރެއިޓް މީޑިއަން ލައިން ހުރަސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ 71 އަސްކަރީ މަތިންދާބޯޓު ހޮނިހިރު ދުވަހު ޓައިވާންގެ ސްޓްރެއިޓް މީޑިއަން ލައިން ހުރަސްކޮށްފިއެވެ.

Ads by WAMCO

ރޮއިޓަރސްގައި ބުނެފައިވަނީ ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ޓައިވާންގެ މީޑިއަން ލައިން ނުވަތަ 1955 ވަނަ އަހަރު އެމެރިކާގެ ވައިގެ ސިފައިންގެ ޖެނެރަލް ބެންޖަމިން އޯ ކަނޑައެޅި ސަރަހައްދީ އިން ވަކިކުރާ ރޮނގު ހުރަސްކޮށްފައިވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސްއާ، ޓައިވާންގެ ރައީސް ސައި އިންގްވެން ބައްދަލުކުރެއްވުމުން އެކަމާއި ހިތްހަމަނުޖެހޭކަން ދެއްކުމުގެ ގޮތުންނެވެ.

އެމެރިކާ ދަތުރުފުޅަށްފަހު ރައީސް ސައި އެނބުރި ގައުމަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުން، ޗައިނާއިން ފެށި ތިން ދުވަހުގެ ޑްރިލް ތަކަކީ ލޮސް އެންޖެލިސްގައި ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވި ބައްދަލުވުން ކުށްވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޑްރިލްތަކެކެވެ.

ޗައިނާއިން ދެކެނީ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައެވެ. އަދި އެ ޖަޒީރާގެ ކޮންޓްރޯލް ޗައިނާގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުންކުރުން ހުއްޓާލާނެކަމުގެ ވާހަކައެއް ދައްކާފައެއްވެސް ނުވެއެވެ. ޗައިނާގެ މި ވާހަކަތަކަށް ޓައިވާންގެ ސަރުކާރުން އިއުތިރާޒު ކުރެއެވެ.

ޗައިނާއިން މިގޮތަށް އިއުލާން ކޮށްފައި ވަނީ ޗައިނާގައި ޔޫރަޕްގެ އިސް ލީޑަރުންގެ ވަފުދެއް ބައްދަލުކުރިތާ ގަޑިއެއްހާއިރު ފަހުންނެވެ.

ޓައިވާންގެ އަސްކަރިއްޔާއިން ބުނީ ޓައިވާން ވަށައިގެން ކޮމްބެޓް ރެޑިނެސް ޕެޓްރޯލްތަކާއި "ޖޮއިންޓް ސްވޯޑް" ތަމްރީނުތައް ފަށާފައިވާ ކަމަށާއި ކުރިން ޗައިނާއިން ބުނެފައިވަނީ ޓައިވާން ސްޓްރެއިޓްގައި އަދި ޓައިވާންގެ އުތުރާއި ދެކުނާއި އިރުމަތީގައި ޑްރިލްތައް ބާއްވާނެ ކަމަށެވެ.

މިއީ ޓައިވާންގެ މިނިވަންކަމަށް ވަކިވާ ބާރުތަކާއި ބޭރުގެ ބާރުތަކުގެ ގުޅިގެން އުޅުމާއި ޕްރޮވޮކޭޝަނަށް ލިބުނު ސީރިއަސް އިންޒާރެއް ކަމަށާއި، އަދި މިއީ ގައުމީ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަން ދިފާއު ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޗައިނާ ސިފައިންގެ އިރުމަތީ ތިއޭޓަރު ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނީ، ހޮނިހިރު ދުވަހު ފެނުނީ ފަޔަރ ޖެޓްތަކާއި ބޮން ގޮއްވާ ބޯޓުތައް ހިމެނޭ ގޮތަށް ޗައިނާގެ 71 މަތިންދާބޯޓު އާންމުކޮށް ދެ ފަރާތުގެ މެދުގައި ނުރަސްމީ ހުރަހެއްގެ ގޮތުގައި ބޭނުންކުރާ މީޑިއަން ލައިން ހުރަސްކުރާތަން ކަމަށެވެ.

ޗައިނާއިން ޓައިވާގެ ރައީސް ސާއީގެ އެމެރިކާ ދަތުރު ބޭނުން ކުރަމުން ދިޔައީ "އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބަހަނާއެއްގެ ގޮތުގައި ކަމަށާ، އެކަމުގެ ސަބަބުން ސަރަހައްދީ ސުލްހައާއި ހަމަޖެހުމާއި ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ޓައިވާންގެ ދިފާއީ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަސްކަރިއްޔާއިން ޖަވާބުދާރީވާނީ މަޑުމައިތިރި، ބުއްދިވެރި އަދި ސީރިއަސް ވިސްނުމަކުން، އަދި ގައުމީ އިސްތިގުލާލާއި ގައުމީ ސަލާމަތާ ދިފާއު ކުރުމަށް 'އެސްކެލޭޓިންގ ނުވަތަ ޑިސްޕިއުޓްސް' ގެ އުސޫލުތަކާ އެއްގޮތަށް ގާޑްކޮށް މޮނިޓަރ ކުރާނެ ކަމަށެވެ.

ޗައިނާގެ ދައުލަތުގެ ޓީވީން އާންމުކުރި ޑްރިލްތަކުގެ ފޫޓޭޖެއް ކަމަށް ބުނާއިރު، ކަނޑުގައި ހަނގުރާމަ މަނަވަރުތަކާއި މޮބައިލް މިސައިލް ލޯންޗުތައް ތައްޔާރުވަމުންދާތަން ފެންނަ ނަމަވެސް މިސައިލްތައް ފޮނުވާލާ މަންޒަރު ނުފެނެއެވެ. އެގޮތުން ހަނގުރާމައިގެ މަތިންދާބޯޓުތައް މައްޗަށް ދިޔައީ ބަރު ހަތިޔާރާއެކު ކަމަށެވެ.

އެ ވީޑިއޯ ނުވަތަ ފުޓޭޖް އަކީ ކޮން އިރަކު ކޮން ތަނެއްގައި ނަގާފައިވާ އެއްޗެއް ކަމެއް ރޮއިޓާސް އަށް ކަށަވަރު ނުކުރެވޭ ކަމަށް އެނޫހުން ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!