ދުނިޔެ

އެމެރިކާއާއި ޕިލިޕީންސް ގުޅިގެން އަސްކަރީ ތަމްރީންތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއާއި ފިލިޕީންސް ގުޅިގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ތަމްރީނުތައް ފަށައިފިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ ދެކުނު ޗައިނާ ކަނޑުގައެވެ. މުޅި ދެކުނު ޗައިނާ ކަނޑަކީ ޗައިނާގެ ތަނެއް ކަމަށް އެ ޤައުމުން ބުނަމުންދިޔަ ނަމަވެސް، އެ ސަރަޙައްދުގައި އޮންނަ އެހެން ޤައުމުތަކުން ވެސް ދަނީ އެ ކަނޑުގެ މިލްކުވެރިކަމާ މެދު ވަކާލާތު ކުރަމުންނެވެ.

Ads by Sosun Fihaara

އެމެރިކާއާއި ފިލިޕީންސް ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ދެ ޤައުމުގެ 18,000 އަށްވުރެ ގިނަ ސިފައިން ބައިވެރިވެއެވެ. މިއީ، އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގައި ބާރާއި ނުފޫޒު އިތުރުކުރަން ޗައިނާއިން މަސައްކަތް ކުރާތީ އެ ކަމަށް ރައްދުދިނުމުގެ ގޮތުން ބާއްވާ ތަމްރީނުތަކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

"ބަލިކަޓާން" ގެ ނަން ދީފައިވާ މި ތަމްރީނުތަކުގައި ލައިވް-ފަޔަރ ނުވަތަ އަސްލު ހަތިޔާރު ބޭނުންކުރާނެ ކަމުގައި އެމެރިކާއާއި ފިލިޕީންސުން ވަނީ ބުނެފައެވެ. މި ތަމްރީނުތައް ފަށާފައި މި ވަނީ، ތައިވާނު ވަށަގެންވާ ކަނޑުގެ ސަރަޙައްދުގައި ޗައިނާއިން ބޭއްވި ވަރުގަދަ އަސްކަރީ ތަމްރީނުތައް ނިމުމާ އެކުގައެވެ. ޗައިނާއިން ތިން ދުވަހުގެ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައި ވަނީ ތައިވާނުގެ ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އެމެރިކާއާއި ފިލިޕީންސާ ދެމެދު އަސްކަރީ ގުޅުންތައް ފަހަކަށް އައިސް ދަނީ އިތުރަށް ބަދަހިކުރަމުންނެވެ. ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ފިލިޕީންސްގެ ގިނަ އަސްކަރީ މަރުކަޒުތަކެއްގެ ބޭނުން ހިފުމުގެ ފުރުޞަތު އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ ދީފައެވެ.

ތަމްރީނުތައް ފެށުމުގެ ކުރިން އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި ބައްދަލުވުމެއްގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއާއި ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ ފިލިޕީންސްގެ ޚާރިޖީ ވަޒީރާއި ދިފާޢީ ވަޒީރުންނާ ބައްދަލުކުރައްވައި، އެ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

"ޗައިނާގެ ބާރާއި ނުފޫޒުގެ ކިބައިން ފިލިޕީންސަށް ޙިމާޔަތް ފޯރުކޮށްދިނުމުގައި އެމެރިކާއިން އަބަދު ވެސް ދެމި އޮންނާނެ. އަދި، ދެކުނު ޗައިނާ ކަނޑުގައިވާ ފިލިޕީންސްގެ މަސްލަޙަތުތައް ހިމާޔަތްކުރަން އެމެރިކާއިން އެހީތެރިވެދޭނެ،" ބްލިންކަން ވިދާޅުވިއެވެ.

"1951 ވަނަ އަހަރު ފިލިޕީންސަށް މިނިވަންކަން ދިނުމާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވާ ދެ ޤައުމުން ކުރެ ޤައުމެއްގެ ސިފައިންނާއި، އަސްކަރީ މަތިންދާބޯޓުތަކާއި، އަސްކަރީ އަދި ޢާންމުންގެ އުޅަނދުފަހަރާއި، ކޯސްޓްގާޑު އުޅަނދަކަށް އެއްވެސް ހަމަލާއެއް ދީފި ނަމަ ދެ ޤައުމުން ގުޅިގެން ރައްދު ދިނުމުގެ ފުރުޞަތު އޮންނާޞެ،" އޮސްޓިން ވިދާޅުވިއެވެ.

މި އަހަރުގެ ފަހުކޮޅު އިތުރު ޤައުމުތަކުގެ ބައިވެރިވުމާ އެކު ދެކުނު ޗައިނާ ކަނޑުގައި އިތުރު އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގައި ވެސް އޮސްޓިން ވިދާޅުވިއެވެ. ފަހަކަށް އައިސް އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ދެ ޤައުމުގެ ދެމެދުގައި އެންމެ ފަހުން އުފެދިފައިވާ މައްސަލަތަކުގެ މެދުގައި ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައާއި، އެ ޤައުމުގެ ރައީސް ސައި އިންގް-ވެން ދާދިފަހުން އެމެރިކާއަށް ވަޑައިގަންނަވާ އެ ޤައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވުމާއި، ހައުސްގެ ކުރީގެ ރައީސާ ނެންސީ ޕެލޯސީ ހުސްވި 2022 ވަނަ އަހަރު ތައިވާނަށް ކުރެއްވި ދަތުރުފުޅު ހިމެނެއެވެ. މީގެ އިތުރުން، ޗައިނާއިން އެމެރިކާގެ ސަރަޙައްދަށް ފޮނުވި ޖާސޫސީ ފުއްޕާހަމެއް ވެސް އެމެރިކާއިން ވައްޓައިލާފައިވެއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ ބަލިކަޓާން އަސްކަރީ ތަމްރީނުތަކުގައި އެމެރިކާގެ 12,200 ސިފައިންނާއި ފިލިޕީންސްގެ 5,400 ސިފައިންގެ އިތުރުން އޮސްޓްރޭލިޔާގެ 100 ސިފައިން ވެސް ބައިވެރިވެއެވެ. މި ތަމްރީނުތަކުގެ ބޮޑުބައި ކުރިއަށް ދަނީ ތައިވާނާ 300 ކިލޯމީޓަރު ދުރުގައި އޮތް ފިލިޕީންސްގެ ރަށެއް ކަމުގައިވާ ލުޒޯންއާއި އެ ރަށުގެ ވަށަގެންވާ ކަނޑުގެ ސަރަޙައްދުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!