ޗައިނާގެ އަސްކަރީ އެއަރކްރާފްޓްތައް އަދިވެސް ޓައިވާންގެ ވައިގެ ސަރަހައްދު ހުރަސްކުރަނީ

ޗައިނާއިން ޓައިވާން ސަރަހައްދުގައި ކުރިއަށްގެންދަމުންދިޔަ އަސްކަރީ ހަރަކާތްތައް ނިންމާލާފައިވާކަމަށް އެގައުމުން އިއުލާންކުރި ނަމަވެސް އަދިވެސް އެގައުމުގެ އަސްކަރީ އެއަރކްރާފްޓްތައް ޓައިވާން ސަރަހައްދުން ފެންނަމުން ދާކަމަށް ޓައިވާނުން ފާހަގަކޮށްފިއެވެ.
ޓައިވާންގެ ޑިފެންސް މިނިސްޓްރީން ވަނީ ބުދަ ދުވަހު މިކަން ފާހަގަކޮށްފައެވެ. އެގޮތުން، އެމިނިސްޓްރީން ވަނީ 24 ގަޑިއިރުގެ ތެރޭގައި ޗައިނާ އަސްކަރިއްޔާގެ 14 އެއަރކްރާފްޓް ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިން ހުރަސްކޮށް، ޓައިވާންގެ ވައިގެ ސަރަހައްދުން އުދުހިފައިވާކަމަށް ބުނެފައެވެ.
ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިނަކީ ޗައިނާ އާއި ޓައިވާންގެ ސަރަހައްދު ކަނޑައެޅުމަށް ގެންގުޅޭ ނުރަސްމީ ބޯޑަރެވެ.
ޓައިވާންގެ ރައީސް ސައި އިންގް-ވެން އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދުކުރުރެއްވުމާ ގުޅިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށްފަހު ޗައިނާއިން ވަނީ ޓައިވާން ސަރަހައްދުގައި ތިން ދުވަހުގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ފެށި މިހަރަކާތްތައް ނިންމާލާފައިވާކަމަށް ޗައިނާއިން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.
ޗައިނާގެ އަސްކަރީހަރަކާތްތައް ނިންމާލާފައިވާކަމަށް އެގައުމުން ބުނި ނަމަވެސް، ޗައިނާގެ އަސްކަރީ މަނަވާރާއި އެއަރކްރާފްޓްތައް ޓައިވާނުން ފެންނަމުންދާކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.
ޓައިވާން ސަރުކާރުން ދަނީ ޗައިނާއިން އެގައުމުގެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ތަކުރާރުކޮށް ކުށްވެރިކުރަމުންނެވެ. އެގައުމުގެ ރައީސް ވަނީ މި ހަރަކާތްތަކަކީ ޒިންމާދާރުކަންކުޑަ ހަރަކާތްތަކެއް ކަމަށް ވިދާޅުވެފައެވެ.
ޗައިނާއިން ގަބޫލުކުރާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އަދި އެގައުމުގެ ނުރުހުމުގައި އެމެރިކާގެ އިސްފަރާތްތަކުން، ޓައިވާންގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަކީ ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ނުފޫޒު ފޯރުވުމަށް ކުރާކަމެއްކަމަށް ޗައިނާއިން ދަނީ ބުނަމުންނެވެ.
ޓައިވާން އަކީ އެގައުމުގެ ބައެއްގެ ގޮތުގައި ބޭއްވުމަށް ބާރުގެ ބޭނުުން ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.