ޕޫޓިން ޗައިނާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި، އަސްކަރީ އެއްބާރުލުމަށް ދެ ފަރާތުން ވެސް ތައުރީފު ކުރައްވައިފި
ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާދީއްތަ ދުވަހު މޮސްކޯގައި ޗައިނާގެ ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫއާ ބައްދަލުކުރައްވާފައިވާއިރު، ދެ ގައުމުގެ އަސްކަރީ އެއްބާރުލުމަށް ދެ ބޭފުޅުން ވެސް ތައުރީފު ކުރެއްވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މިދިޔަ މަހު މޮސްކޯގައި ޕޫޓިންއާ ބައްދަލުކުރައްވައިފަ އެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރެއިންއަށް އެތައް ހާސް ސިފައިން ފޮނުވި ފަހުން ރަޝިޔާއާއި ޗައިނާގެ އިޤްތިޞާދީ، ސިޔާސީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
އެ ބައްދަލުވުމުގެ ފުޓޭޖުން ފެންނަ ގޮތުގައި ޕޫޓިން ލީއާ ސަލާމް ކުރެއްވުމަށް ފަހު މޭޒުދޮށުގައި އިށީނދެވަޑައިގަންނަވަ އެވެ. ރަޝިއާގެ ޑިފެންސް މިނިސްޓަރު ސަރްގޭ ޝޮއިގޫ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
"އަސްކަރީ ޑިޕާޓްމަންޓްތައް މެދުވެރިކޮށް އަމަލީ ގޮތުން މަސައްކަތް ކޮށް، ބޭނުންތެރި މައުލޫމާތު ތައް ގަވާއިދުން ބަދަލުކުރުމާއި، އަސްކަރީ-ފަންނީ އެއްބާރުލުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާއި، ޖޮއިންޓް އެކްސަސައިޒްތައް ބާއްވަމުން މިދަނީ،" ޕޫޓިން ވިދާޅުވި އެވެ.
އަދި މި ތަމްރީނުތަކަކީ ދުރުއިރުމަތީގެ އިތުރުން ޔޫރަޕްގައިވެސް ކުރިއަށް ގެންދިޔަ ތަމްރީނުތަކެއް ކަމަށާއި، މި ތަމްރީނުތަކުގައި އެއްގަމާއި ކަނޑުގެ އަސްކަރީ އަދި ވައިގެ އަސްކަރިއްޔާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝައްކެއްވެސްނެތްގޮތުގައި މިއީ އަޅުގަނޑުމެންގެ ގުޅުމުގެ ވަރަށް އިތުބާރުކުރެވޭ، ސްޓްރެޓެޖިކް ސިފަ އިތުރަށް ހަރުދަނާކޮށްދޭ އަނެއް މުހިންމު ދާއިރާ،" ޕޫޓިން ވިދާޅުވި އެވެ.
ޔޫކްރެއިންގައި ބޭނުންކުރާ ރަޝިޔާގެ ހަތިޔާރުތަކުގައި ޗައިނާއިން އިތުރުވަމުންދާ ބައިތައް ޔޫކްރެއިންގެ އަސްކަރިއްޔާއަށް ފެންނަމުންދާ ކަމަށް ކީވްގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. ރަޝިޔާއަށް އަސްކަރީ ސާމާނު ފޮނުވުމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
ނޭޓޯ އާއި އެމެރިކާ އިން ބުނަނީ ބެއިޖިން އިން މޮސްކޯއަށް ހަތިޔާރު ސަޕްލައި ކުރާ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާ ކަމަށެވެ.
މި ދަތުރަކީ މިދިޔަ މަހު ލީ އެ މަގާމަށް އައްޔަން ކުރެއްވި ފަހުން އެހެން ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
"ފަހަކަށް އައިސް އަސްކަރީ އަދި އަސްކަރީ ފަންނީ ދާއިރާއިން ރަޝިއާ އާއި ޗައިނާއާ ދެމެދު އޮންނަ އެއްބާރުލުން ވަރަށް ރަނގަޅަށް ކުރިއަރަމުން އެބަދޭ،" މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް މަގުފަހިވާ ކަމަށް ޕޫޓިންއަށް ވިދާޅުވި އެވެ. ލީގެ ވާހަކަތައް ކްރެމްލިން އިން ތަރުޖަމާކުރި އެވެ.
ދިފާއީ އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށް ބުނެ ލީ މޮސްކޯއަށް ވަޑައިގަންނަވާނެ ކަން ބެއިޖިން އިން މިދިޔަ ހަފުތާގައި އިއުލާން ކުރި ނަމަވެސް ޕޫޓިންއާ ބައްދަލުކުރައްވާނެ ކަމުގެ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.