ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާބާދީއަކަށް އިންޑީއާ ވާނީ މިއަހަރުގެ މެދުތެރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެއްގެ ގޮތުގައި ޗައިނާ ފަހަތަށް ޖައްސާލުމަށް އިންޑިއާ ތައްޔާރުވެފައިވާއިރު، މި އަހަރުގެ މެދުތެރޭގައި އަވަށްޓެރި ގައުމަށް ވުރެ ގާތްގަނޑަކަށް ތިން މިލިއަން މީހުން އިތުރުވެފައިވާ ކަމަށް އދ އިން ބުދަ ދުވަހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by Sosun Fihaara

އދ.ގެ އާބާދީ ފަންޑު (ޔޫއެންއެފްޕީއޭ) އިން މިއަހަރުގެ "ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓް" ގައި ވާގޮތުން މިއަހަރުގެ މެދުތެރޭގައި އިންޑިއާގެ އާބާދީ 1.4286 ބިލިއަން އަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޗައިނާއަށް 1.4257 ބިލިއަން - 2.9 މިލިއަން މަދެވެ.

ފެބްރުއަރީ މަހާ ހަމައަށް ލިބެން ހުރި މައުލޫމާތުތައް ދައްކުވައިދޭ ރިޕޯޓެއްގައި ވާ ގޮތުން ޖޫން މަހުގެ ނިޔަލަށް 340 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއަކީ ދުރު ތިން ވަނަ ގައުމެވެ.

އދ.ގެ ކުރީގެ ޑޭޓާތައް ބޭނުންކޮށްގެން އާބާދީގެ މާހިރުން ލަފާކޮށްފައިވާ ގޮތުގައި އިންޑިއާގެ އާބާދީ މިމަހު ޗައިނާއަށްވުރެ އިތުރުވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، ބައިނަލްއަގްވާމީ ޖަމިއްޔާގެ އެންމެ ފަހުގެ ރިޕޯޓުގައި ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

އދ.ގެ އާބާދީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިންޑިއާ އާއި ޗައިނާގެ ތަފާސް ހިސާބުތަކާ މެދު ސުވާލު އުފެދިފައި އޮތުމުން ތާރީހެއް ކަނޑަނޭޅޭނީ، އިންޑިއާގެ އެންމެ ފަހުގެ ބޯހިމެނުމަކީ 2011 ވަނަ އަހަރު ބޭއްވުނު އަދި ދެން 2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލަސްވި ކަމެއް ކަމަށް ވާތީ އެވެ.

ދުނިޔޭގެ އާބާދީގެ 8.045 ބިލިއަން މީހުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ދެ ގައުމުން ވެސް ހިއްސާކުރާނެ ކަމަށް ލަފާކުރި ނަމަވެސް، އިންޑިއާ އަށް ވުރެ ޗައިނާގައި އާބާދީ އިތުރުވުން ވަނީ މަޑުޖެހިފަ އެވެ.

މިދިޔަ އަހަރު ޗައިނާގެ އާބާދީ ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާއިރު، މިއީ ދިގު މުއްދަތަކަށް ރައްޔިތުންގެ އަދަދު ދަށަށް ދިއުމުގެ ތާރީހީ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ އިރު، އޭގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށާއި މުޅި ދުނިޔެއަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ އާބާދީގެ ޑިވިޑެންޑް ބަރޯސާވަނީ ހަމައެކަނި އަދަދުގެ މައްޗަށް ނޫން ކަމަށާއި ކޮލިޓީއަށް ވެސް ބަރޯސާވާ ކަމަށެވެ.

"އާބާދީ މުހިންމު ނަމަވެސް ހުނަރުވެރިންވެސް މުހިންމު... އާބާދީ މުސްކުޅިވުމާ ގުޅިގެން ޗައިނާއިން ވަނީ ހަރަކާތްތެރި ފިޔަވަޅުތަކެއް އަޅާފައި،" ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަންގް ވިދާޅުވި އެވެ.

"ޕްރިމިއާ ލީ ކިއާންގް ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެންގެ އާބާދީގެ ޑިވިޑެންޑް ގެއްލިފައެއް ނުވޭ. އަޅުގަނޑުމެންގެ ޓެލެންޓް ޑިވިޑެންޑް މިދަނީ ކުރިއަރަމުން، ތަރައްގީއަށް ލިބޭ ހިތްވަރު ވަރަށް ވަރުގަދަ،" އެކަމަނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!