ދުނިޔެ

ނޭޕާލްގެ ރައީސް ބޭސްފަރުވާއަށް އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޕާލްގެ ރައީސް ރާމް ޗަންދުރަ ޕައުޑެލް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ފުރުވާލީ ސަރުކާރުގެ ބޮޑު ހޮސްޕިޓަލެއްގައި ސިކުނޑި އާއި ބަނޑުގެ މައްސަލަތަކަށް އެޑްވާންސް ފަރުވާ ހޯއްދެވުމަށް ކަމަށް އޮފިޝަލުން ބުނެފި އެވެ.

Ads by Sosun Fihaara

ނައިބު ރައީސް ރާމް ސަހަޔާ ޔާދަވް ޕައުޑެލް ބޭރުގައި ހުންނެވި އިރު، އޭނާ އަށް ތާއީދު ކުރައްވާނެ ކަމަށް ރިޔާސީ ތަރުޖަމާނު ސަގަރް އަޗާރިޔާ ވިދާޅުވި އެވެ.

އުމުރުން 78 އަހަރުގެ ޕައުޑެލް މި މަހު ފަސް ދުވަސް ހޭދަކުރީ ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ޓްރިބުވަން ޔުނިވާސިޓީ ޓީޗިން ހޮސްޕިޓަލް (ޓީޔޫޓީ) ގައި ބުރަކަށީގެ މައްސަލައެއް ދިމާވެގެންނެވެ.

އަންގާރަ ދުވަހު އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔައީ ވެސް ހަމަ އެ މައްސަލައަކާއި ގުޅިގެންނެވެ.

ނޭޕާލް ހޮސްޕިޓަލްގެ ތަރުޖަމާނު ބައިކުންތާ ތަޕަލިއާ ރޮއިޓާސްއަށް ވިދާޅުވީ މިފަހަރު ނޭޕާލްގެ ޑޮކްޓަރުންނާއި އާއިލާގެ މެމްބަރުން ނިންމީ އޭނާ "ރަނގަޅު އަދި އެޑްވާންސް ފަރުވާ" އަށް ސަރުކާރުގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަށް ފޮނުވަން ކަމަށެވެ.

ޕައުޑެލްގެ އެހީތެރިއެއް ކަމަށްވާ ކިރަން ޕޮކްރެލް ބުނީ ބުދަ ދުވަހުގެ ހެނދުނު އެއާ އެމްބިއުލާންސްގައި އޭނާ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

ނޭޕާލް ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ޕައުޑެލް ހިމަލަޔަން ގައުމުގެ ތިން ވަނަ ރައީސަކަށް އިންތިހާބުވީ މިދިޔަ މާޗް މަހު އޭރުގެ ވެރިކަން ކުރާ ކޯލިޝަންގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގަ އެވެ.

ކޯލިޝަން ބައިބައިވީ، ކުރީގެ މާއޮއިސްޓް ހަނގުރާމަވެރިންގެ ލީޑަރެއް ކަމަށްވާ ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލް، އެ މަގާމަށް އިދިކޮޅު ކެންޑިޑޭޓެއް ކަމަށްވާ ޕައުޑެލް އަށް ތާއީދު ކުރެއްވުމުންނެވެ.

އޭނާ އިންތިހާބުވުމުން ދަހަލްގެ މާއޮއިސްޓް ސެންޓަރ ޕާޓީ އާއި ސެންޓްރިސްޓް ނޭޕާލް ކޮންގްރެސް ޕާޓީއާ ދެމެދު އާ ކޯލިޝަނެއް އުފެދުނެވެ.

ޕައުޑެލް އަކީ މިފަހަކަށް އައިސް ސިކުނޑި އާއި ބަނޑުގެ މައްސަލަތަކަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ނޭޕާލަށްވުރެ ރަނގަޅު ބޭސްފަރުވާގެ ވަސީލަތްތައް ދެކުނުގެ އަވަށްޓެރި ގައުމަކަށް ފޯރުކޮށްދެވިދާނެތީ ސިޔާސީ ފަރާތްތައް ހިމެނޭ ގޮތަށް ނޭޕާލް މީހުން ގިނަފަހަރަށް އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!