ދުނިޔެ

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގުގެ ބިންގަނޑު ކެނޑައިގެން ގޮސްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގެ ބިންގަނޑު ކެނޑި، ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން ދެ މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެއްޖެއެވެ. ފަތިހުގެ ވަގުތުގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނުން އަފްޣާނިސްތާނަށް ދަތުރުކުރަން އުޅުނު ބަޔެކެވެ. އެއީ، ކޮން ޤައުމެއްގެ ރައްޔިތުން ކަން އަދި ސާފެއް ނޫނެވެ.

Ads by Sosun Fihaara

މި ހާދިސާގައި އިތުރު އަށް މީހުން ޒަޚަމުވެފައިވާއިރު، ވެއްޔާއި ކިސަޑުތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އެ މީހުން ހޯދައި ސަލާމާތް ކުރުމަށް އޮފިޝަލުން މިހާރު ދަނީ އެކްސްކެވޭޓަރ ފަދަ އާލާތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ތުރުޚަމް ސަރަޙައްދީ ރޮނގު ކައިރީގައެވެ. އެއީ، އަފްޣާނިސްތާނާއި ޕާކިސްތާން ދެމެދުގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކާއި މުދާ ދަތުރުކުރާ އެއް މަގެވެ. ބިންގަނޑު ކެނޑުނު ވަގުތު ވެސް ސަރަޙައްދީ ރޮނގު ހުރަސްކޮށް އަނެއް ޤައުމަށް އެތެރެވާން 120 އަށްވުރެ ގިނަ ޓްރަކް ނުވަތަ ބޮޑު ލޮރީ ތައްޔާރަށް އޮތް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ބިންގަނޑު ކެނޑުނު ހާދިސާއަށް ފަހު އެ ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގިއެވެ. އަލިފާން ރޯވެފައި ވަނީ އެ ސަރަޙައްދުގައި މަޑުކޮށްގެން ތިބި ޑްރައިވަރުންނާއި ފަސިންޖަރުން ކައްކަން ބޭނުންކުރި ގޭސް ފުޅިތަކެއްގައި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. ބިންގަނޑު ކެނޑި، ވެއްޔާއި ކިސަޑު ފައިބާފައި ވަނީ ސަރަޙައްދީ ހުރަހާއި 120 މީޓަރު ދުރުންނެވެ.

އެ ސަރަޙައްދުގެ ބިންގަނޑު ކެނޑެން މެދުވެރިވި ސަބަބު ސާފުކޮށް ބަޔާންކޮށްދޭން ނޭނގޭ ކަމުގައި ދާއިރާގެ މާހިރުން ވިދާޅުވެއެވެ. ނަމަވެސް، އެ ސަރަޙައްދުގައި ބޮޑެތި އުޅަނދުފަހަރާއި ބަރު އިކުއިޕްމެންޓްއާއި ސާމާނު ބޭނުން ކުރުމަކީ އެއް ސަބަބު ކަމަށް ބެލެވޭ ކަމުގައި މާހިރުން ދެކެއެވެ. ބިންގަނޑު ކެނޑުމުގެ ހާދިސާ ހިނގުމުގެ ކުރިން އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހިފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާއާ ގުޅިގެން ސަރަޙައްދީ ހުރަސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!