ދުނިޔެ

ޕާކިސްތާނުން ރަޝިއާއިން ހެޔޮ އަގުގައި ތެޔޮ ގަނެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން ޑިސްކައުންޓް އަގުގައި ރަޝިއާގެ ކްރޫޑް އޮއިލްގެ ފުރަތަމަ ޝިޕްމެންޓް ގަނެފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނާ ރަޝިއާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން, ޑިސްކައުންޓް އަގެއްގައި ރަޝިއާގެ ކްރޫޑް އޮއިލް ޕާކިސްތާނަށް ވިއްކުމަށް ވަނީ އެއްބަސްވެފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން, ފުރަތަމަ ޝިޕްމެންޓަށް މިހާރު އޯޑަރު ޖަހާފައިވާކަމަށް ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރުު ވިދާޅުވިގޮތުގައި ފުރަތަމަ ޝިޕްމެންޓް ޕާކިސްތާނަށް ގެންދެވޭނީ މެއި މަހުއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިންގެ އަމުރަށް އެގައުމުގެ އަސްކަރިއްޔާއިން، 'އަސްކަރީ ހާއްސަ އޮޕަރޭޝަނެއް'ގެ ނަމުގައި ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށުމާއެކު، ޔޫކްރެއިނަށް ވާގިވެރިވާ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅަންފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އެޅި އެންމެ ބޮޑެތި ފިޔަވަޅުތައް އަޅާފައިވަނީ ރަޝިއާގެ ތެލުގެ އެކްސްޕޯޓަށެވެ.

ރަޝިއާއިން އުފައްދާ ތެލާމެދު އެޅި ފިޔަވަޅުތަކާއެކު ގިނަ އަދަދެއްގެ ގައުމުތަކަކުން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ނުގަތުމަށް ނިންމިނަމަވެސް، ޗައިނާއާއި އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިޔައެވެ. އަދި އީރާނަށްވެސް މިހާރު ރަޝިއާއިން ތެޔޮ އެކްސްޕޯޓްކުރަމުން ދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނާ ރަޝިއާއާ ދެމެދު ވެވުނު އެއްބަސްވުމާއެކު، ޕާކިސްތާނުން އެގައުމުގެ ތެޔޮ ގަންނަން ފެށުމާއެކު ރަޝިއާއަށް މިވަނީ ތެޔޮ އެކްސްޕޯޓްކުރާނެ އައު މާކެޓެއް ލިބިފައެވެ.

ޕާކިސްތާނުން ފާހަގަކުރާގޮތުގައި ފުރަތަމަ ޝިޕްމެންޓް ފަސޭހަކަމާއެކު އެގައުމަށް ލިބިއްޖެ ކަމަށްވާނަމަ، ކުރިއަށް އޮތް ތަނުގައި ދުވާލެއްގެ މައްޗަށް 100،000 ފީފާގެ ސާފުނުކުރާ ތެޔޮ ޕާކިސްތާނުން އެތެރެކުރާނެއެވެ. މިގޮތަށް މިކަން ވެއްޖެނަމަ، ޕާކިސްތާނުން މެދުއިރުމަތީގެ ގައުމުތަކުން ގަންނަ ތެލުގެ އަދަދު ދަށަށް ދާނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ޕާކިސްތާނުން ދިޔައީ ދުވާލެއްގެ މައްޗަށް 154،000 ފީފާގެ ތެޔޮ އެތެރެކުރަމުންނެވެ. އޭރު ޕާކިސްތާނުން އެންމެ ގިނަ އަދަދެއްގެ ތެޔޮ އިމްޕޯޓުކޮށްފައި ވަނީ ސައޫދީ އަރަބިއްޔާއާއި ޔޫއޭއީންނެވެ.

ޕާކިސްތާނާ ރަޝިއާއާ ދެމެދު ތެލުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްދާގޮތް ހާމަކުރައްވަން އެގައުމުގެ މިނިސްޓަރު ވަނީ އިންކާރުކުރައްވާފައެވެ. އެގޮތުން ޕާކިސްތާނުގައި ބޭރު ފައިސާގެ އަދަދު މަދުވެފައި ވުމުން، އެގައުމުން ތެލަށް ޚަރަދުކުރަނީ ޑޮލަރުންތޯ، ނުވަތަ ޗައިނީސް ޔުއާން ނޫނީ ޔޫއޭއީ ދިރްހަމް ބޭނުންކޮށްގެންތޯ ރޮއިޓަރސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަން މިނިސްޓަރު ވަނީ ދެކޮޅުހައްދަވާފައެވެ.

އަދި އެގައުމުން ރަޝިއާގެ ތެޔޮ ގަންނަން ނިންމާފައިވާ ރޭޓު އާންމުކުރައްވަންވެސް ވަނީ ދެކޮޅުހައްދަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!