ދުނިޔެ

ކަޝްމީރު ވެލީއަށް އުފާވެރި ޢީދެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނިމުނު ރަމަޟާން މަހަކީ ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައިވެސް އިންޑިޔާގެ ކަޝްމީރު ވެލީ ދުށް އެންމެ އަމާން, ހަމަހިމޭން ރަމަޟާން މަސްކަމަށް ޚަބަރުތައް ބުނެފިއެވެ. މުޅިކަޝްމީރުގެ މިލްކިއްޔާތާމެދު ހަނގުރާމަކުރުމުން ފެށިގެން އައި ހަރުކަށިކަމުގައި، ޔޫނިއަން ޓެރިޓަރީއޭ ކިއުނު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރަން ފެށުނީއްސުރެ އެންމެ ހިމޭން ރަމަޟާން މަހަކީ ނިމުނު ރަމަޟާން މަސް ކަމަށްވެއެވެ. ޖަންމޫ އެންޑް ކަޝްމީރުގެ ފުލުހުން ބުނީ، އެއްވެސް ހަރުކަށި އަމަލެއް ނުވަތަ ގާނޫނާ ޚިލާފު ބޮޑު ކަމެއް ހިނގާފައި ނުވާކަމަށާއި ހަމަލާތައް ބަދަލުކޮށްފައި ނުވާކަމަށެވެ.

Ads by Sosun Fihaara

ސަލާމަތީ ބާރުތަކުން މައުލޫމާތު ދީފައިވާގޮތުގައި، މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ތަފާތު ހަމަލާތަކުގައި 19 ޓެރަރިސްޓުން މަރާލާފައިވެއެވެ. މީގެ އިތުރުން ހަތިޔާރުއެޅި އެކިފަރާތްތަކުން އާންމު ފަރުދުންނާ ދެކޮޅަށް، ޚާއްސަކޮށް މައިނޯރިޓީ ގްރޫޕްތަކާ ދެކޮޅަށް ހަމަލާތައް ދީފައިވެއެވެ.

2021 ވަނަ އަހަރުގެ ރަމަޟާންމަހު މާ ގިނަ ޓެރަރިސްޓް ހަމަލާތައް މައިތިރިކުރަން ޖެހުނު ކަމަށާއި، މިގޮތުން އައި ބާރަވަރަކަށް ހަމަލާގައި ވިއްސަކަށް ޓެރަރިސްޓުން މަރުވެފައިވާކަމަށް ސިފައިން ބުނެފައިވެއެވެ. މީގެ ކުރިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށްވެސް ބާރުނާޅާ ކަމަށާއި، ނަމަވެސް މިއަހަރު ފަހު 10ގައި ޖަމާއަތުގައި ތަރާވީހް ނަމާދު ކުރުމާއި ދަމުނަމާދު ކުރުންވެސް ބޮޑެތި މިސްކިތްތަކުގައި ކުރިޔަށްގެންގޮސްފައި ވެއެވެ.

ބައެއް އާންމުން ބުނެފައިވާގޮތުގައި، އިސްލާމް ދީނުގެ ހަގީގީ މެސެޖަކީވެސް ސުލްހައާއި ހަމަހިމޭންކަން ފެތުރުން ކަމަށާއި، ހަރުކަށިކަމާއި ލޭއޮހޮރުވުމަކީ އިސްލާމް ދީން ދަންނަ ކަންކަން ނޫންކަމަށެވެ. އަދި މި ރަމަޟާން މަހު ހިމޭންކަމާއި އަމާންކަމާއެކު ފުރިހަމައަށް އަޅުކަމުގައި ބައިވެރިވެވުނީތީ އުފާކުރާކަމަށް ބުނެފައިވެއެވެ.

މުޅި ކަޝްމީރުގެ މިލްކިއްޔާތަށް ޕާކިސްތާނާއި އިންޑިޔާއިންވެސް ދައުވާކުރާއިރު މިމައްސަލާގައި އެ ދެ ގައުމުން އެތައް ހަނގުރާމައެއްވެސް ކޮށްފައިވެއެވެ. އެއަށްފަހު އަމިއްލައަށް ކަޝްމީރު ބައިކޮށް، މިހާރު ދެ ފަޅި ކޮންޓްރޯލްކުރަމުން ގެންދަނީ ދެ ގައުމުންނެވެ. ކަޝްމީރު ވެލީއަކީ ކަޝްމީރު ބައިކޮށް އިންޑިޔާއިން ކޮންޓްރޯލްކުރާ ފަޅިއެވެ. މިހާރު ކަޝްމީރު ވެލީގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރަނީ ޔޫނިއަން ޓެރިޓަރީ ވަކިކޮށް، ވަކި ދައުލަތެއްގެގޮތުގައި ގާއިމްކުރުމަށެވެ. އެފަރާތްތަކުން ބުނާގޮތުގައި، ހަމަހިމޭންކަން އޮތްއިރު މިއީ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ވަގުތެވެ. އަދި މުޅި ޖަންމޫ އެންޑް ކަޝްމީރުގައިވެސް ވަކި ވެރިކަމެއް ގާއިމް ކުރެވިއްޖެނަމަ މިހާރަށްވުރެ ކަންތައްތައް ރަނގަޅުކޮށް ވާނެއެވެ. ނަމަވެސް އެއީ އިންޑިޔާގެ މައި ސަރުކާރުން ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ. އިންޑިޔާއިން ތުހުމަތުކުރާގޮތުގައި ކަޝްމީރު ވެލީގައި ހަރުކަށިކަން ދައްކަމުންދާ ފަރާތްތަކަށް ޕާކިސްތާނުން ހަތިޔާރުގެ އެހީ ފޯރުކޮށްދެމުން ގެންދެއެވެ. ނަމަވެސް މިކަން ޕާކިސްތާނުން ދޮގު ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!