އެގްރި އެކްސްޕޯޓް ހޯދުމަށް އިންޑިއާގެ ވިޔަފާރީގެ ވަފުދެއް ރަޝިއާއަށް
ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން މޮސްކޯ އިން އިރުމަތީ ފަރާތަށް ބަދަލުވަމުން އަންނައިރު، އިންޑިއާގެ ވިޔަފާރީގެ ވަފުދެއް އަންނަ އޭޕްރީލް މަހުގެ 24-27 އަށް ރަޝިއާއަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ އެކްސްޕޯޓަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.
ރަޝިޔާގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޑެނިސް މަންޓޫރޯވް މި ހަފުތާގެ ކުރީކޮޅު ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށް އޮތް ތަނުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.
"50 މެމްބަރުންގެ ވަފުދުން މޮސްކޯ އާއި ސެއިންޓް ޕީޓާސްބާގްގައި ގަންނަ ފަރާތްތަކާ ބައްދަލުކުރާނެ،" ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަންސް (އެފްއައިއީއޯ)ގެ ރައީސް އޭ ސަކްތިވެލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެކްސްޕޯޓްކުރާ ފަރާތްތަކުން އުއްމީދު ކުރަނީ ޓީ، ހަކުރު، ކޮފީ، ޑެއިރީ، މީޓް އަދި ކަނޑުގެ ބާވަތްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މުހިންމު ސިނާއަތްތައް ކުރިއަށް ގެންދިއުމުގެ ގާބިލްކަން ރަޝިއާއަށް ހަނިވެފައިވާތީ މޮސްކޯއިން މީގެ ކުރިން ވަނީ ކާރާއި މަތިންދާ ބޯޓު އަދި ރޭލުގެ ބައިތައް ހިމެނޭ ގޮތަށް ޑެލިވަރީ ކުރުމަށް 500 އަށް ވުރެ ގިނަ ޕްރޮޑަކްޓްގެ ލިސްޓެއް ފޮނުވާފަ އެވެ.
ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންއަށް ދިން ހަމަލާ އިންޑިއާއިން ސާފުކޮށް ކުށްވެރިކޮށްފައި ނުވާއިރު، ހަމަނުޖެހުންތައް ހައްލުކުރުމަށް މަޝްވަރާކުރުމަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިމުނު 11 މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ރަޝިއާއިން އިމްޕޯޓް ކުރި މިންވަރު ހަތަރު ގުނަ އިތުރުވެ، މައިގަނޑު ގޮތެއްގައި ތެލުގެ ޒަރިއްޔާއިން 46.33 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު ނިމުނު 11 މަސް ދުވަހުގެ ތެރޭގައި އެކްސްޕޯޓު ކުރި މިންވަރު ވަނީ ގާތްގަނޑަކަށް 12 ޕަސެންޓް ދަށަށް ގޮސް 2.8 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.
އެކްސްޕޯޓަރުން ބުނީ ރަޝިއާއަށް ވިއްކާ މިންވަރު ދަށްވެފައި ވަނީ ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރުމުން ކަމަށާއި ދެ ގައުމުން ވެސް އަދިވެސް ލޯކަލް ކަރަންސީތަކުގައި ޓްރޭޑް ސެޓްލްމަންޓް މެކޭނިޒަމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އުންމީދު ކުރެވޭނީ މި މެކޭނިޒަމް އޮޕަރޭޓް ވާނެ ކަމަށް،" އެކްސްޕޯޓްކުރާ ފަރާތްތަކުގެ ޖަމިއްޔާއިން އެ ޖަމިއްޔާގެ މެމްބަރުންނަށް ފޮނުވި ނޯޓެއްގައި ބުނެފައި ވެ އެވެ.