ދުނިޔެ

ރޫސީވިލާތް ރޫޅުމަށްފަހު އުފެދުނު ޤައުމުތަކުގެ މިނިވަންކަމަށް އިޙުތިރާމުކުރަން: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރޫސީވިލާތް ރޫޅުމާ އެކު އުފެދުނު ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް އިޙުތިރާމުކުރާ ކަމުގައި ޗައިނާއިން ބުނެފިއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން މި ފަދަ މޭރުމަކުން ވާހަކަ ދައްކަން ޖެހިފައި ވަނީ، އެ ޤައުމުން ފަރަންސޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލޫ ޝޭއީ ދާދި ފަހުން ދެއްވި ވާހަކަފުޅަކާ ގުޅިގެންނެވެ.

Ads by Sosun Fihaara

ފަރަންސޭސިވިލާތުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ލޫ ވަނީ ކުރީގެ ރޫސީވިލާތް ރޫޅުމުން އުފެދުނު އައު ޤައުމުތަކުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާގެ ވާހަކަފުޅާ ގުޅިގެން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ބަސްފުޅުތަކެއް ނޫން ކަމަށް ސިފަކޮށްފައެވެ.

މި ކަމާ ގުޅިގެން ސުވާލު ކުރުމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ވިދާޅުވީ ކުރީގެ ރޫސީވިލާތް ރޫޅުމަށް ފަހު އަލަށް އުފެދުނު ޤައުމުތަކުގެ މިނިވަންކަން ޗައިނާއިން ބަލައިގަންނަ ކަމަށާއި، އެ ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށް އިޙުތިރާމުކުރާ ކަމުގައެވެ. އަދި، އެ ޤައުމުތަކާ އެކު ސިޔާސީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާއޯ ވިދާޅުވީ، ޗައިނާއިން އ.ދގެ ޗާޓަރާ އެއްގޮތަށް އަބަދު ވެސް އަމަލުކުރަމުންދާނެ ކަމަށާއި، އެ ޗާޓަރުގައިވާ ގޮތަށް ޤައުމުތަކުގެ މިނިވަންކަމާއި ސަރަޙައްދީ ރޮނގުތައް ވެސް ބަލައިގަންނަ ކަމުގައެވެ. ޔޫކްރެއިނުގެ މިނިވަންކަމާ މެދު ޗައިނާއިން ދެކޭ ގޮތް ހާމަކުރުމަށް ނޫސްވެރިއަކު ސުވާލު ކުރުމުން މާއޯ އެއަށް ސީދާ ޖަވާބެއް ނުދެއްވައެވެ.

މާއޯ ވިދާޅުވީ، އ.ދގެ މެންބަރު ޤައުމަކަށް ވެވޭނީ މިނިވަން ދަޢުލަތްތަކަށް އެކަނި ކަމަށެވެ. "ތިޔަ ސުވާލު އުފެއްވި ޤައުމަކީ ވެސް އ.ދގެ ފުރިހަމަ މެންބަރެއް،" މާއޯ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!