އުތުރު ކޮރެއާއަށް އެހީވާތީ އެމެރިކާއިން ޗައިނާގެ ތިން މީހަކަށް ދަތިކޮށްފި

އުތުރު ކޮރެއާގެ ހެކަރުން ވަގަށް ނެގި ވާޗުއަލް ފައިސާ ލޯންޑަކުރުމުގައި ބައިވެރިވި ކަމަށް ބުނާ ތިން މީހެއްގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމައިފިއެވެ.
އެމެރިކާގެ ޓްރެޜަރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ތިން މީހުންނަކީ ޗައިނާގެ ވާޗުއަލް ކަރަންސީ ޓްރޭޑަރަކާއި ހޮންކޮންގައި ހުންނަ އެހެން ކަރަންސީ ޓްރޭޑަރެއްގެ އިތުރުން ދާދި ފަހުން ޗައިނާގެ ޑަންޑޮންގއަށް ބަދަލުވި އުތުރު ކޮރެއާގެ ކޮރެއާ ކްވާންގްސަން ބޭންކިން ކޯޕަރޭޝަންގެ މަންދޫބެއް ކަމަށެވެ.
އުތުރު ކޮރެއާގެ ސައިބަރ ކްރިމިނަލް ސިންޑިކޭޓް ކަމަށްވާ ލާޒަރަސް ގްރޫޕުން ވަގަށް ނެގި ވާޗުއަލް ފައިސާ ބަދަލުކުރުމަށް މަގުފަހިކޮށްދިނީ ޗައިނާގެ ވިޔަފާރިވެރިޔާ ވޫ ހުއިހުއީ ކަމަށް އެ ބަޔާނުގައި ވެ އެވެ. ހޮންގްކޮންގްގެ ވިޔަފާރިވެރިޔާ ޗެންގް ހަންގް މޭން ވަނީ ވާޗުއަލް ކަރަންސީގެ ބަދަލުގައި ފައިސާ ރެމިޓް ކުރުމަށް ވޫއާ އެކު މަސައްކަތްކޮށްފަ އެވެ.
މީގެ އިތުރުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކުރިން ކަނޑައަޅާފައިވާ ކުންފުންޏެއް ކަމަށްވާ ކްވާންގްސަން ބޭންކިން ކޯޕްގެ ފަރާތުން މަސައްކަތް ކުރި ކަމަށް ބުނެ ސިމް ހިޔޯން ސޮޕް އަށް ވެސް އަމާޒުވި އެވެ.
ވޫ އިން ގިނަ މުއާމަލާތްތަކެއް ޕްރޮސެސްކޮށް އެތައް މިލިއަން ޑޮލަރެއްގެ ވާޗުއަލް ކަރަންސީ ބަދަލުކުރި ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ފަރާތްތަކުގެ އެމެރިކާގެ އެއްވެސް މުދަލެއް ފްރީޒްކޮށް، އެ މީހުންނާއެކު ވިޔަފާރި ކުރާ ފަރާތްތައް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޒިންމާ އުފުލަން ޖެހެއެވެ.
އެމެރިކާގެ ޓްރެޜަރީ އަންޑަރ ސެކްރެޓަރީ ފޮރ ޓެރަރިޒަމް އެންޑް ފައިނޭންޝަލް އިންޓެލިޖެންސް ބްރަޔަން ނެލްސަން ވިދާޅުވީ އުތުރު ކޮރެއާއިން ދަނީ ބައިނަލްއަޤްވާމީ މާލީ ނިޒާމަށް ވަނުމަށާއި އާމްދަނީ ހޯދުމަށް ވާޗުއަލް ކަރަންސީ އާއި ފުޅާ ދާއިރާއެއްގައި ނާޖާއިޒު ފެސިލިޓޭޝަން ނެޓްވޯކްތައް ބޭނުންކުރަމުން ކަމަށެވެ.
ނެލްސަން ވިދާޅުވީ އުތުރު ކޮރެއާގެ "ހަލަބޮލިކުރުމުގެ ހަރަކާތްތަކަށް މަގުފަހިކޮށްދޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހާއްސަކޮށް މި އަހަރު އެކަނިވެސް ޕިއޮންޔޮން އިން ފޮނުވާލި ތިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ އަލީގައި" ކަމަށެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ ބޮމާއި މިސައިލް ޕްރޮގްރާމްތައް ހުއްޓުވުމުގައި އެމެރިކާ އިސްވެ އޮވެ އެތައް އަހަރެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ނާކާމިޔާބުވެފަ އެވެ. އެންމެ ފަހުގެ ޓްރެޜަރީ އެކްޝަން އިއުލާނުކޮށްފައިވަނީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މި ހަފުތާގައި އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިންނެވެ.