ދުނިޔެ

ޕާކިސްތާންގައި ބަލިމަޑުކަން ފެތުރެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޕާކިސްތާނާއި މަލާވީއަށް ކުރިމަތިވި ޤުދުރަތީ ކާރިސާތަކާ އެކު އެ ޤައުމުތަކުގައި ހަލުވިކަމާ އެކު މެލޭރިޔާ ފެތުރެން ފަށާފައިވާ ކަމުގައި ގްލޯބަލް ފަންޑް ޓު ފައިޓް އެއިޑްސް، ޓިޔުބަރކިޔުލޯސިސް އެންޑް މެލޭރިޔާގެ އިސްވެރިޔާ ޕީޓަރ ސޭންޑްސް ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރައްވާފައި ވަނީ މެލޭރިޔާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ads by Sosun Fihaara

ހުސްވި 2022 ވަނަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ވިއްސާރައިގައި އެ ޤައުމުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިއެވެ. އަދި، އެ ޤައުމުގައި މެލޭރިޔާ ޖެހިފައިވާ މީހުންގެ ޢަދަދު ހަތަރު ގުނައަށް އިތުރުވެ، އެ ޢަދަދު 1.6 މިލިޔަނަށް އެރި ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ހާމަކުރެއެވެ.

މި އަހަރުގެ މާރިޗު މަހު މަލާވީއަށް އެރި ބާރުގަދަ ތޫފާން ފްރެޑީއާ އެކު އެ ޤައުމަށް ވެސް ބޯކޮށް ވާރޭވެހި، ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިއެވެ. އަދި، މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ މެލޭރިޔާގައި އެ ޤައުމުގައި ވެސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގައި ޞިއްޙީ އިދާރާތަކުން ބުނެއެވެ.

"ޕާކިސްތާނާއި މަލާވީން ފެނިގެން އެ ދަނީ، މޫސުމީ ކާރިސާތަކުގެ ސަބަބުން މެލޭރިޔާ ފަދަ ނުރައްކާތެރި ބަލިތައް ކޮންޓްރޯލް ކުރަން ދަތިވާ ފަދަ ހަލުވިމިނެއްގައި ފެތުރެމުންދާ މިންވަރު. އެ ޤައުމުތަކުގައި ފެންބޮޑުވެ، ގިނަ ދުވަސްތަކެއް ވަންދެން ތަންތަނުގައި ފެން ހަރުލުމުގެ ފުރުޞަތު އުފެދި، މެލޭރިޔާ ދަނީ ހަލުވިކަމާ އެކު ފެތުރެމުން. އަދި، މި ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު ވަނީ އެތަކެއް ގުނައަކުން އިތުރުވެފައި،" ސޭންޑްސް ވިދާޅުވިއެވެ.

ދުނިޔޭގެ މެލޭރިޔާ ދުވަހަކީ، އެ ބަލި ފެތުރުން ހުއްޓުވުމުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރަން ލިބޭ ފުރުޞަތެއް ނަމަވެސް، މި އަހަރު އިންޒާރުގެ ރަނގަބީލެއް ޖަހަން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މޫސުމީ ބަދަލުތަކަކީ މި ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިކޮށްދޭ ސަބަބެއްވެފައިވާއިރު، އެ ކަމާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މެލޭރިޔާ ނައްތައިލަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އަދިވެސް މި ބަލީގައި ކޮންމެ މިނެޓަކު ކުއްޖަކު މަރުވެއެވެ. 2021 ވަނަ އަހަރުގެ ޑަބްލިޔު.އެޗް.އޯގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އެ އަހަރު 247 މިލިޔަން މީހަކަށް މި ބަލި ޖެހިފައިވެއެވެ. އަދި، 619,000 އަށްވުރެ ގިނަ މީހުން ވަނީ އެ އަހަރު މި ބަލީގައި މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!