ދުނިޔެ

ޕާކިސްތާނުގައި ރޭލެއްގައި ރޯވެ ހަތް މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދެއްގައި ދަތުރުކުރަމުންދިޔަ ރޭލެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތް މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ސިންދް ޕުރޮވިންސުގެ ވެރިރަށް ކަރާޗީއާ 500 ކިލޯމީޓަރު އުތުރުން އޮންނަ ޚައިރްޕޫރުގައެވެ. މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ ހަތަރު ކުއްޖަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Ads by Sosun Fihaara

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ހަ މީހަކު މަރުވެފައި ވަނީ ފިހިގެން ކަމުގައި ރޭލު ޚިދުމަތްދޭ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙުސިން ސިއާލް ވިދާޅުވިއެވެ. އިތުރު މީހަކު މަރުވެފައި ވަނީ ދަތުރު ކުރަމުންދިޔަ ރޭލުން ބޭރަށް ފުންމައިލުމުގެ ސަބަބުން ލިބުނު އަނިޔާތަކުގައެވެ.

މި ހާދިސާގައި ރޭލުގެ ގިނަ ކާރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ރޭލުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާއިރު، އެ ކަން ތަހުޤީޤު ކުރަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކަރާޗީން ފުރައިގެން އިރުމަތީގައި އޮންނަ ލާހޯރަށް ދަތުރުކުރި ރޭލެއްގައެވެ.

ރޭލުގައި ކުދި ގޭސް އުނދުން ފަދަ ތަކެތި އުފުލުމަކީ ޕާކިސްތާނުގައި މަނާ ކަމެއް ނަމަވެސް، ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބަޔަކު އެ ފަދަ ތަކެތި ރޭލަށް އަރުވައެވެ. ރޭލު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މީހުންގެ ޢަދަދު ގިނަވުމުގެ ސަބަބުން، ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ ލަގެޖާއި ސާމާނު ބަލައިފާސްނުކުރެވޭ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

މި ފަދަ ހާދިސާއެއް 2019 ވަނަ އަހަރު ވެސް އެ ޤައުމުގައި ހިނގާފައިވެއެވެ. އިރުމަތީ ޕުންޖާބް ޕުރޮވިންސުގައި ދަތުރުކުރަމުންދިޔަ ރޭލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ގޭސް އުނދުނެއްގައި ރޯވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި 74 ފަސިންޖަރުން މަރުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!