ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންގެ އުއްމީދަކީ ހަމަޖެހުމާއި ސުލްހަވެރިކަން ކަމަށާއި ފުލުހުންގެ މަސައްކަތަކީ ހަމަޖެހުމާއި ސުލްޙަޔަށް ކުރިމަތިވާ ހުރިހައި ހުރަސްތަކެއް ނައްތައިލުން ކަމަށެވެ.
އަދި ރައްޔިތުން އެދެނީ އެ މީހުންގެ މުދަލާއި ފުރާނަ ރައްކާތެރިކޮށްދޭން ކަމަށާއި، އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ފެތުރިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ޖުމްލަ 100 އަށްވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަރހުޑް ޕޮލިސިންގެ ޚިދުމަތް ދެމުން ކަމަށެވެ.
"އަދި ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމަށް މިހާރުވަނީ ކޮންޓްރެކްޓްގައި ސޮއިކުރެވިފައި." ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށާއި މިކަމަށް ބޭނުންވާ ފުލުހުން ހޯދުމަށް މިހާރު އެޕްރޫވްކޮށް ފިނޭންސް މިނިސްޓްރީއާ އެކަން ހަވާލުކޮށްފައިވާ ކަމަށެވެ.