ވަޒީފާ ނެތް 300،000 ޒުވާނުން ވަޒީފާ ހޯދުމަށް ވިލެޖަށް ފޮނުވަން ޗައިނާއިން ހުށަހަޅައިފި
ޗައިނާގައި ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވަމުން ދިއުމަކީ އެ ގައުމަށް އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމަކަށް ވަމުން އަންނަ އިރު، އެ ގައުމުން ވަނީ ހިޔާލު ތަފާތުވާ ހައްލުތަކެއް ގެނެސްފަ އެވެ. ޗައިނާގެ އެންމެ މުއްސަނދި ޕްރޮވިންސް އަދި މެނުފެކްޗަރިން ކުންފުނި ގުއާންގްޑޮންގް އިން ވަނީ ވަޒީފާ ނެތް ތިން ލައްކަ ޒުވާނުން ވަޒީފާ ހޯދުމަށް ދެތިން އަހަރަށް ރަށްރަށަށް ފޮނުވަން ހުށަހަޅައިފަ އެވެ.
ހޮންގްކޮންގްގެ ބޯޑަރު އޮންނަ ޕްރޮވިންސުން މި މަހު ބުނެފައި ވަނީ ފްރެޝް ކޮލެޖް ގްރެޖުއޭޓުންނާއި ޒުވާން ވިޔަފާރިވެރިންނަށް ރަށްފުށުގެ ސަރަހައްދުތަކުގައި ވަޒީފާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ރަށްފުށުގެ ސަރަޙައްދުތަކަށް ނިސްބަތްވާ އަދި އާބަން ސިޓީތަކަށް ބަދަލުވި ޒުވާނުން އެނބުރި އެތަނަށް ގޮސް ވަޒީފާ ހޯދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ސިޓީތަކުގައި ކޮންމެ ފަސް ޒުވާނަކުން އެކަކު މަސައްކަތަށް ނުނިކުމެ އެވެ.
ޗައިނާގެ އިޤްތިޞާދީ ހީނަރުކަމާއި ވަޒީފާގެ މަންޒަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަޒީފާ އަށް އެދޭ ޒުވާނުންނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މިފަހަކަށް އައިސް ޗައިނާގެ ޒުވާނުންގެ ވަޒީފާ ގެއްލުމަކީ ކަންބޮޑުވުމެކެވެ. މިކަން ހާމަކޮށްފައި މިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން މިދިޔަ ޑިސެމްބަރު މަހު "ރޫރަލް އިގްތިސާދު އަލުން އާރާސްތު ކުރުމުގެ ގޮތުން" އާބަން ޒުވާނުންނަށް ރަށްފުށުގެ ސަރަހައްދުތަކުގައި ވަޒީފާ ހޯދުމަށް ގޮވާލެއްވުމާ ގުޅިގެންނެވެ.
ޝީގެ މި އިއުލާނަކީ މީގެ އެތައް އަހަރެއް ކުރިން ޗައިނާގެ ބޭރުގެ ސަރަޙައްދުތަކަށް އެތައް މިލިއަން އާބަން ޒުވާނުން ނެއްޓި، ކުރީގެ ލީޑަރު މާއޯ ޒޭޑޮންގް ފެއްޓެވި ކެމްޕެއިނަށް ލިބުނު އިޝާރާތެކެވެ.
ސޯޝަލް މީޑިއާގައި ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުވި ގުއާންގްޑޮންގް ހުށަހެޅުން އައީ އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ އާބަން ޖޮބްލެސް ރޭޓް 19.6 އިންސައްތައަށް އަރާފައިވާ ދަނޑިވަޅެއްގައެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ބޭނުންކޮށްގެން ސީއެންއެންގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ އިންސައްތައަކީ ޗައިނާގެ ސިޓީތަކާއި އަވަށްތަކުގައި ވަޒީފާ ނެތް ގާތްގަނޑަކަށް 11 މިލިއަން ޒުވާނުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޗައިނާއިން ހަމައެކަނި ވަޒީފާގެ ޑޭޓާ ލިބެނީ އާބަން އޭރިއާތަކަށެވެ.
ކޮލެޖުގެ ގާތްގަނޑަކަށް 11.6 މިލިއަން ދަރިވަރުން މިއަހަރު ގްރެޖުއޭޓްވެ ވަޒީފާގެ ބާޒާރަށް ނުކުންނާނެ ކަމަށް ބެލެވޭއިރު، ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރަށް އުފުލިގެން ދާނެ އެވެ.
ހިންރިޗް ފައުންޑޭޝަންގެ ރިސާޗް ފެލޯ އެލެކްސް ކެޕްރީ ވިދާޅުވި ގޮތުގައި މީގެ ކުރިން ބޭއްވި ކޮވިޑް-19 ގެ މުޒާހަރާތަކުން އެއްވެސް ކަމެއް ހާމަވެއްޖެ ނަމަ އެއީ ޗައިނާގެ ސިޓީތަކުގައި ތިބި ރުޅިގަދަ، ތައުލީމު ހާސިލްކޮށްފައިވާ ގިނަ އަދަދެއްގެ ޒުވާނުން ވެރިކަން ކުރާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެވެ.